ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ފުވައްމުލަކު ހޮސްޕިޓަލުގައި ސީޓީ ސްކޭންގެ ޒަމާނީ ޚިދުމަތް ރައީސް އިފްތިތާޙްކޮށްދެއްވައިފި

ފުވައްމުލަކު ހޮސްޕިޓަލުގައި ސީޓީ ސްކޭންގެ ޒަމާނީ ޚިދުމަތް ރައީސް އިފްތިތާޙްކޮށްދެއްވައިފި

ފުވައްމުލަކު ސިޓީގެ ސިއްހީ ޚިދުމަތްތަކަށް ބޮޑު ކުރިއެރުމެއް ލިބި، އެ ހޮސްޕިޓަލުގައި ގާއިމުކުރި ސީޓީ ސްކޭންގެ ޚިދުމަތް ރަސްމީކޮށް އިފްތިތާޙްކޮށްދެއްވައިފިއެވެ. މި ޚިދުމަތް ރަސްމީކޮށް ހުޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއެވެ.

ރައީސް މުއިއްޒު ފުވައްމުލަކު ސިޓީއަށް ކުރެއްވި ދަތުރުފުޅުގައި މި ޚިދުމަތް އިފްތިތާޙްކޮށްދެއްވުމަށްފަހު، ސީޓީ ސްކޭން ހޮސްޕިޓަލްގައި ގާއިމުކޮށްފައިވާ އިންތިޒާމުތައް ވަޑައިގެން ބައްލަވާލައްވައި، ތަނާއިބެހޭ މައުލޫމާތު އޮޅުންފިލުއްވިއެވެ. މިއަދު ފުވައްމުލަކަށް ވަޑައިގެން ރައީސް ވަނީ، އެ ސިޓީގެ ތަރައްގީގެ ގިނަ މަޝްރޫއުތަކެއްގެ އަމަލީ މަސައްކަތްވެސް ފައްޓަވާފައެވެ.

ފުވައްމުލަކު ހޮސްޕިޓަލުން ހާމަކުރާ ގޮތުގައި، 2023 ވަނަ އަހަރުގެ މޭ މަހު ފެށި މި މަޝްރޫއަކީ އެ ސިޓީގެ ރައްޔިތުންނަށް ވަރަށް ބޮޑަށް ބޭނުންވެފައިވާ ޚިދުމަތެކެވެ. ސިއްހީ ވުޒާރާއިން މި ޚިދުމަތް ފެށުމަށްޓަކައި 2023 ވަނަ އަހަރު އީކޮން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކުރީ ހޮސްޕިޓަލުގެ އިމާރާތަށް ބަދަލު ގެނެސް، ސީޓީ ސްކޭން ހިދުމަތް ދިނުމަށް ޚާއްސަ ޖާގައެއް ތަރައްގީކުރުމުގެ މަސައްކަތެވެ. މިއީ ދެ މިލިއަން ނުވަލައްކައަށް ވުރެ ގިނަ ރުފިޔާގެ ބޮޑު މަޝްރޫއެކެވެ.

ސީޓީ ސްކޭންގެ ޚިދުމަތް ދިނުމަށް ބޭނުންވާ މުވައްޒަފުން ތަމްރީނުކުރުމުގެ މަސައްކަތްވެސް ވަނީ ކާމިޔާބުކަމާއެކު ކުރިޔަށް ގެންގޮސްފައެވެ. ސަރުކާރުން ރާއްޖޭގެ އެކި ހޮސްޕިޓަލްތަކުން ފޯރުކޮށްދޭ ޚިދުމަތްތައް އިތުރަށް ހަރުދަނާކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާއިރު، ފުވައްމުލަކުގެ ސިއްހީ ޚިދުމަތް ފުޅާކުރުމަށް ކުރެވޭ މަސައްކަތުގެ ދަށުން އެ ސިޓީއަށް އެންމެ ބޮޑަށް ބޭނުންވެފައިވާ އެއް ޚިދުމަތަކީ ސީޓީ ސްކޭންގެ ޚިދުމަތްކަން އެރަށު ހޮސްޕިޓަލުން ފާހަގަކުރެއެވެ.