ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

މި ދައުރުގެ ތެރޭގައި ފުވައްމުލަކުގައި 900 ހައުސިން ޔުނިޓްގެ މަސައްކަތް ނިމޭނެ: ރައީސް

ފުވައްމުލަކުގައި ހުއްޓިފައިވާ 400 ހައުސިން ޔުނިޓުގެ މައްސަލަ ހައްލުކޮށް، އެ މަސައްކަތް އަލުން ފެށުން -- ފޮޓޯ: ޖީލުއޮންލައިން
ފުވައްމުލަކުގައި ހުއްޓިފައިވާ 400 ހައުސިން ޔުނިޓުގެ މައްސަލަ ހައްލުކޮށް، އެ މަސައްކަތް އަލުން ފެށުން -- ފޮޓޯ: ޖީލުއޮންލައިން

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފުވައްމުލައް ސިޓީއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅާއެކު، އެ ސިޓީގެ ތަރައްގީއަށް އާ ފެށުމެއް ގެނެސްދެއްވައި، މި ދައުރުގެ ތެރޭގައި ޖުމްލަ 900 ހައުސިން ޔުނިޓްގެ މަސައްކަތް ނިންމަވާނެކަމުގެ ޔަގީންކަން ދެއްވައިފިއެވެ. ފުވައްމުލަކުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ ބޯހިޔާވަހިކަމުގެ އިތުރުން ތަޢުލީމީ އަދި ޞިއްޙީ ދާއިރާ ހިމެނޭގޮތަށް ޖުމްލަ 16 ބިޔަ މަޝްރޫޢުއެއްގެ އަމަލީ މަސައްކަތް ފެށިގެން ދާނެކަން އިއުލާން ކުރައްވާފައެވެ.

ބޯހިޔާވަހިކަމުގެ ދާއިރާއަށް އަލިއަޅުއްވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ކުރީގެ ސަރުކާރެއްގައި ހަވާލުކޮށް މަސައްކަތް ހުއްޓިފައިވާ 400 ހައުސިން ޔުނިޓުގެ މައްސަލަ ހައްލުކޮށް، އެ މަސައްކަތް އަލުން ފަށާފައިވާ ކަމަށެވެ. އަދި އޭގެ އިތުރުން، އެމަނިކުފާނުގެ ވައުދުފުޅާ އެއްގޮތަށް އަޅުއްވަން ނިންމެވި 500 ހައުސިން ޔުނިޓުގެ ތެރެއިން 75 ޔުނިޓް އެޅުމުގެ އެއްބަސްވުމުގައި މިރޭ ވަނީ ސޮއިކުރައްވާފައެވެ. ބާކީ ހުރި ޔުނިޓްތަކުގެ މަސައްކަތް އަންނަ ދެ އަހަރު ތެރޭގައި ފައްޓަވައި، މި ދައުރު ނިމުމުގެ ކުރިން ޖުމްލަ 900 ގެ ރައްޔިތުންނާ ހަވާލުކުރައްވާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ.

މި ދަތުރުފުޅުގައި ފުވައްމުލަކުގެ ތަރައްގީއާ ގުޅުންހުރި ޖުމްލަ 16 މަޝްރޫއެއް ފެށިގެންދާކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، އޭގެ ތެރެއިން 11 މަޝްރޫއެއްގެ އެއްބަސްވުމުގައި މިރޭގެ ޖަލްސާގައި ސޮއިކުރެވުނު ކަމަށާއި، ބާކީ 5 މަޝްރޫއެއްގެ އަމަލީ މަސައްކަތްވެސް މިހާރު ފެށިފައިވާ ކަމަށެވެ.

ތަޢުލީމީ ދާއިރާގެ ކުރިއެރުމަށްވެސް ގިނަ މަސައްކަތްތަކެއް ވަނީ ރޭވިފައެވެ. މިގޮތުން، ފުވައްމުލަކު ސްކޫލުގައި 16 ކުލާސްރޫމާއި ޒަމާނީ ލެބޯޓްރީތައް ޤާއިމުކުރުމުގެ މަޝްރޫއެއްގައި ސޮއިކުރެއްވިއެވެ. މީގެ އިތުރުން، ޤައުމީ ޔުނިވާސިޓީގެ ކެމްޕަހާއި ޓިވެޓް އިމާރާތުގެ މަސައްކަތްވެސް ހަލުވިކަމާއެކު ކުރިއަށް ގެންދަވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ޞިއްޙީ ދާއިރާއިން ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ ފުވައްމުލަކު ރައްޔިތުންނަށް އުފާވެރި ޚަބަރެއް ދެއްވާފައެވެ. އެގޮތުން، ސަޢުދީ ފަންޑުގެ އެހީގައި ޓަރޝަރީ ފެންވަރުގެ ހޮސްޕިޓަލެއް ޤާއިމުކުރުމުގެ މަސައްކަތް އަންނަ އަހަރުގެ މެއި ނުވަތަ ޖޫން މަހުގެ ކުރިން ފެށިގެންދާނެ ކަމުގެ ޔަގީންކަން ދެއްވިއެވެ. އަދި މިއަދު އެ ސިޓީގައި ރަސްމީކޮށް އިފްތިތާޙްކުރި ސީޓީ ސްކޭންގެ ޚިދުމަތް މިހާތަނަށް 90 އަށްވުރެ ގިނަ މީހުން ހޯދާފައިވާކަން އެމަނިކުފާނު އުފަލާއެކު ފާހަގަކުރެއްވިއެވެ.