އައްޑޫ ސިޓީގެ ފްލެޓަކުން ވެއްޓުނު ކުއްޖެއްގެ ހާލު ސީރިއަސް
އައްޑޫ ސިޓީ ހިތަދޫގައި ހުންނަ ފްލެޓެއްގެ ދެވަނަ ފަންގިފިލާއިން ވެއްޓުނު 15 އަހަރުގެ އަންހެން ކުއްޖެއްގެ ހާލު ސީރިއަސްވެ، އައިސީޔޫގައި ފަރުވާ ދޭން ފަށައިފިއެވެ.
މި ހިތާމަވެރި ހާދިސާ ހިނގާފައިވަނީ ރޭ މެންދަމު 12:00 ހާއިރު ހިތަދޫގައި ހުންނަ ފްލެޓް ނަންބަރު 14 ގައެވެ. ފުލުހުންނަށް މިކަމުގެ ރިޕޯޓް ލިބުމާއެކު އެކަން ބަލަމުން އަންނަ ކަމަށް މައުލޫމާތު ދެއެވެ. ވެއްޓުނު ކުއްޖާއަށް އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލްގެ އިންޓެންސިވް ކެއަރ ޔުނިޓް (އައިސީޔޫ) ގައި ފަރުވާ ދެމުން އަންނަ ކަމަށް ފުލުހުން ވަނީ ކަށަވަރުކޮށްދީފައެވެ.
މި ހާދިސާ ހިނގަން މެދުވެރިވި ސީދާ ސަބަބެއް އަދި ސާފުވެފައި ނުވާއިރު، ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ. ފަހަކަށް އައިސް މިފަދަ ހާދިސާތައް ވަނީ އިތުރުވެފައެވެ. އެގޮތުން، ރޭ މާލޭގައި ސިޑިގޮޅިއަކުން ވެއްޓި މީހަކު މަރުވެފައިވާއިރު، މީގެ ހަތަރު ދުވަސް ކުރިން ހުޅުމާލޭ ހިޔާ ފްލެޓަކުން ވެއްޓުނު މީހަކު ވެސް ވަނީ ނިޔާވެފައެވެ.
Ads by BML
Ads by MACL
