ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ހުޅުމީދޫގެ މަގުތައް ޒަމާނީ ފެންވަރަށް ހެދުމުގެ އަމަލީ މަސައްކަތް ފަށައިފި

ހުޅުމީދޫގެ މަގުތައް ޒަމާނީ ފެންވަރަށް ހެދުމުގެ އަމަލީ މަސައްކަތް ފެށުން --
ހުޅުމީދޫގެ މަގުތައް ޒަމާނީ ފެންވަރަށް ހެދުމުގެ އަމަލީ މަސައްކަތް ފެށުން --

އައްޑޫސިޓީ ހުޅުދޫ އަދި މީދޫގެ ތަރައްގީއަށް އާ ބާބެއް ހުޅުވާލައި، އެ ދެ ރަށުގެ މަގުތައް ޒަމާނީ ފެންވަރަށް ހެދުމުގެ އަމަލީ މަސައްކަތް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެ ސިޓީއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން މިއަދު ފަށައިފި އެވެ.

ހުޅުދޫގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި މަޝްރޫއު އިފްތިތާހު ކޮށްދެއްވީ ހައުސިން މިނިސްޓަރު، ޑރ. އަބްދުﷲ މުއްތަލިބް އެވެ. މި މަސައްކަތް ހަވާލުކޮށްފައިވަނީ ދައުލަތުގެ ކުންފުނި، ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އަށެވެ.

ސަރުކާރުން މީގެ ކުރިން ވިދާޅުވެފައިވާ ގޮތުގައި، ރަށްރަށުގެ މަގުހެދުމުގެ މަޝްރޫއުތައް ކުރިއަށްގެންދާނީ ރައްޔިތުންގެ ހިޔާލާއި މަޝްވަރާގެ މަތިންނެވެ. އެގޮތުން، މި މަޝްރޫއުގެ ދަށުންވެސް އެންމެ ފުރަތަމަ އިސްކަންދީގެން ހެދުމަށް ހަމަޖެހިފައިވަނީ، އެންމެ ގިނަ ބަޔަކު ބޭނުންކުރާ، މުހިންމު މުއައްސަސާތައް ގާއިމްކޮށްފައިވާ މަގުތަކާއި، ބޮޑަށް ހަލާކުވެފައިވާ މަގުތަކެވެ.

ރައީސް މުއިއްޒުގެ މި ދަތުރުފުޅަކީ، ރާއްޖޭގެ ހުރިހާ އަތޮޅަކަށް ޒިޔާރަތްކުރައްވައި، ރަށްރަށުގެ ތަރައްގީއާ ގުޅޭގޮތުން ކައުންސިލުތަކާއި ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ފަށްޓަވާފައިވާ ސިލްސިލާ ދަތުރުފުޅުތަކުގެ ތެރެއިން ކުރައްވާ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި ރައީސްގެ އަރިހުގައި، ވަޒީރުންނާއި ސަރުކާރުގެ ކުންފުނިތަކުގެ އިސްވެރިންގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވަ އެވެ.