ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ހުޅުދޫ އާއި މީދޫ އިދާރީ ގޮތުން ވަކިކުރުމަކީ ތަރައްޤީގެ އާ ފެށުމެއް: ރައީސް މުޢިއްޒު

ހުޅުދޫ އާއި މީދޫ އިދާރީ ގޮތުން ވަކިކުރުމަކީ ތަރައްޤީގެ އާ ފެށުމެއް: ރައީސް މުޢިއްޒު

އައްޑޫ ހުޅުދޫ އާއި މީދޫ އިދާރީ ގޮތުން ވަކިކުރުމަކީ ދެ ރަށުގެ ތަރައްޤީގެ ފެށުމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ހުޅުދޫ އަދި މީދޫއަށް ކުރެއްވި ދަތުރުފުޅެއްގައި، ދެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާއެއްގައެވެ.

ރައީސް ވިދާޅުވީ، ހުޅުދޫ އާއި މީދޫގެ ރައްޔިތުންނަށް އިދާރީގޮތުން ކުރިމަތިވެފައިވާ ދަތިތަކަށް ނިމުމެއް ގެނައުމަށް، ގިނަ ރައްޔިތުންގެ އެދުމުގެ މަތިން ވަޢުދުވެވަޑައިގެންނެވި ފަދައިން، ރައްޔިތުންގެ ވޯޓަކާއެކު ދެ ރަށް އައްޑޫ ސިޓީން ވަކިކުރެވިފައިވާ ކަމަށެވެ. މިއީ ދެ ރަށުގެ ތަރައްޤީގެ ދޮރު ހުޅުވިގެންދާނެ ކަމެއް ކަމަށް ރައީސް ފާހަގަކުރެއްވިއެވެ. އެކަމަށްޓަކައި އެ ދެ ރަށުގެ ލޮބުވެތި ރައްޔިތުންނަށް މަރުޙަބާ ވެސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ، ރަށެއްގެ ތަރައްޤީގައި އެންމެ މުހިންމީ އަސާސީ މުނިސިޕަލް ޚިދުމަތްތަކާއި ރަށްވެހިކަމުގެ ޚިދުމަތްތައް ރައްޔިތުންނާ ގާތުން، އެބޭފުޅުން ބޭނުންވާ ގޮތަށް ފަހިވުން ކަމަށެވެ. އެކަން ޙާސިލްވާނެ މަގު މިހާރު ހަމަޖެހިފައިވާ ކަމަށާއި، އަންނަ އަހަރު އިންތިޚާބުކުރެވޭ ހުޅުދޫ އަދި މީދޫ ކައުންސިލާއެކު މި ޚިދުމަތްތައް ފެށިގެންދާނެ ކަމަށް ވިދާޅުވިއެވެ.

"ހުޅުދޫ އާއި މީދޫގެ ތަރައްޤީއަށް ސަރުކާރުން އިސްކަންދޭނެ. އަހަރުތަކެއްވަންދެން ބާކީކޮށްފައި ތިބި ބަޔަކަށް އިސްކަންދިނުމަކީ ތަފާތުކުރުމެއް ނޫން. އެއީ އެންމެން ހަމަހަމަކުރުމުގެ ސިޔާސަތެއް." ރައީސް ވިދާޅުވިއެވެ.

ތަރައްޤީގެ ދާއިރާގައި، ސިއްޙީ، ތަޢުލީމީ، ވަޒީފާގެ އަދި ޢުމްރާނީ ގޮތުން ވެސް ހުޅުދޫ އާއި މީދޫއަށް ސަރުކާރުގެ ބަޖެޓުންނާއި ޕްރައިވެޓް ސެކްޓަރގެ އެހީގައި ފުރުސަތުތައް ފަހިކޮށްދޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. އައްޑޫ އަތޮޅުގެ ހުރިހާ ރައްޔިތުންނަށް ހަމަހަމަ ގޮތެއްގައި ތަރައްޤީ ޙާސިލްވަންދެން ސަރުކާރުން މަސައްކަތްކުރާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ.

ރައީސް ވިދާޅުވީ، ހުޅުދޫ އަދި މީދޫއަށް ބޭނުންވާ ޚިދުމަތްތައް ޤާއިމްކުރުމުގެ މަސައްކަތް ސަރުކާރުން މިހާރުވެސް ފަށާފައިވާ ކަމަށެވެ. މުނިސިޕަލް ޚިދުމަތް ދިނުމަށް މިހާރު ހުރި ޢިމާރާތްތަކުގެ ޖާގަ ނުފުދޭނަމަ، އިތުރު ޖާގަ ހަމަޖައްސަވައިދެއްވާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ރައީސް މުޢިއްޒު އައްޑޫއަށް މިއަދު ފެއްޓެވި ދަތުރުފުޅުގައި އެންމެ ފުރަތަމަ ވަޑައިގަތީ ހުޅުދޫ އާއި މީދޫއަށެވެ. މި ދެ ރަށުގެ ރައްޔިތުންވަނީ އެކުގައި، އެ މަނިކުފާނަށް ހޫނު މަރުޙަބާއެއް ދަންނަވާފައެވެ.