ސިފައިންގެ އެއާ ކޯގެ ފުރަތަމަ މަރުކަޒު ރައީސް ހުޅުއްވައިދެއްވައިފި
ރާއްޖޭގެ ދިފާޢީ ޤާބިލިއްޔަތު އިތުރުކޮށް، ވައިގެ ސަރަޙައްދު ރެޔާއި ދުވާލު ބެލެހެއްޓުމުގެ އާ ބާބެއް ފަށައިދެއްވުމުގެ ގޮތުން، ދިވެހި ސިފައިންގެ އެއާ ކޯގެ ފުރަތަމަ އެއާ ސްޓޭޝަން، އައްޑޫ ސިޓީ ގަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ރަސްމީކޮށް ހުޅުއްވައިދެއްވައިފިއެވެ.
މި މަރުކަޒު ޤާއިމްކުރެވުނީ، ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ދެމެހެއްޓުމަށްޓަކައި ސިފައިންގެ ޒިންމާތައް އަދާކުރުމަށް ޒަމާނީ ވައިގެ ބާރެއް ބޭނުންވާތީއެވެ.
މި ޚިދުމަތް ފައްޓަވާފައިވަނީ، ޤާނޫނުއަސާސީ އާއި ސިފައިންގެ ޤާނޫނުން ސިފައިންގެ އެންމެ މަތީވެރިޔާގެ ހައިސިއްޔަތުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުން، އެމަނިކުފާނު މިދިޔަ ހޯމަ ދުވަހު އެމްއެންޑީއެފް އެއާ ކޯގެ އޮޕަރޭޝަންތައް ފެށުމަށް އަންގަވާފައިވަނިކޮށެވެ. އައްޑޫއަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން މި މަރުކަޒު އިފްތިތާޙު ކޮށްދެއްވުމަކީ ސަރުކާރުން މިކަމަށް ދެއްވާ އަހައްމިއްޔަތު ހާމަވާ ކަމެކެވެ.
Ads by BMLއެމްއެންޑީއެފްއިން ވިދާޅުވާ ގޮތުގައި، ތާރީޚީ އަދި ސްޓްރެޓީޖިކް ގޮތުން މުހިންމު ސަރަޙައްދެއްގައި ޤާއިމްކުރި މި މަރުކަޒުގައި ޒަމާނީ ވަޞީލަތްތައް ވަނީ ހިމަނާފައެވެ. އޭގެ ތެރޭގައި 400 މީޓަރުގެ ޓެކްސީވޭއަކާއި، 100 މީޓަރުގެ އެޕްރަންއެއްގެ އިތުރުން، ސިފައިންނަށް ޚާއްސަ އެކޮމޮޑޭޝަން ބްލޮކެއް ހިމެނެއެވެ. މިއީ ކުރިމަގުގައި ސިފައިންގެ ވައިގެ ބާރު ފުޅާކުރެވޭނެހެން ފަރުމާކޮށްފައިވާ މަރުކަޒެކެވެ.
އެއާ ކޯގެ ޚިދުމަތް ފެށުމަށްޓަކައި، މިދިޔަ އަހަރު ތުރުކީން ގެނައި އަސްކަރީ ތިން ޑްރޯން (ޔޫއޭވީ) މި މަރުކަޒުގައި ބޭނުންކުރާނެއެވެ. މީގެ އިތުރުން އެމްއެންޑީއެފްގެ "އެއާ ސްކޮޑްރަން 2" ގައި ހިމެނޭ ޓީވީޓޫ މަރުކާގެ އެއާކްރާފްޓްތަކުގެ އޮޕަރޭޝަންތައްވެސް މި މަރުކަޒުން ހިންގާނެއެވެ. އެމްއެންޑީއެފުން ބުނީ ބަޖެޓު ލިބޭ މިންވަރަކުން ވައިގެ ބާރު އިތުރަށް ވަރުގަދަކުރުމަށް ބޭނުންވާ ސާމާނު ހޯދަމުން ގެންދާނެ ކަމަށެވެ.
މީގެކުރިން ސިފައިންގެ ތެރޭގައި އެކި ނަންނަމުގައި ވައިގެ ޔުނިޓުތައް ޤާއިމްކުރި ނަމަވެސް، އެ ޔުނިޓުތަކުގެ އޮޕަރޭޝަންތައް ބިނާވެފައި އޮތީ ބޭރުގެ އެހީއަށެވެ. ނަމަވެސް މި މަރުކަޒާއެކު، ރާއްޖޭގެ ޚާއްސަ އިޤްތިޞާދީ ސަރަޙައްދު ބެލެހެއްޓުމާއި ވައިގެ އޮޕަރޭޝަންތައް ހިންގުމުގެ ފުރިހަމަ ޤާބިލުކަން ދިވެހި ސިފައިންނަށް ލިބިގެންދާނެއެވެ.
Ads by MACL
