ޝަންގްރިއްލާ ރިސޯޓް، ހުޅުވުމަށް ވަމުންދާ ތައްޔާރީތަކުގެ އެންމެ ފަހުގެ މަޢުލޫމާތު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޢިއްޒަށް އަރުވައިފި
ޝަންގްރިއްލާ ރިސޯޓް، ހުޅުވުމަށް ވަމުންދާ ތައްޔާރީތަކުގެ އެންމެ ފަހުގެ މަޢުލޫމާތު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޢިއްޒަށް އަރުވައިފިއެވެ.
ކޮވިޑް-19ގެ ބަލިމަޑުކަމާ ގުޅިގެން ބަންދުކުރި އައްޑޫ ސިޓީގެ ޝަންގްރިއްލާ ވިލިނގިލި ރިސޯޓް، މި އަހަރުގެ ނިޔަލަށް އަލުން ހުޅުވުމަށް ވަރުގަދަ ތައްޔާރީތަކެއް ވަމުން އެބަދެއެވެ. މި ތައްޔާރީތަކުގެ އެންމެ ފަހުގެ މަޢުލޫމާތު، އެ ރިސޯޓަށް މިއަދު ވަޑައިގެންނެވި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒާ އެ ރިސޯޓުގެ މެނޭޖްމަންޓުން ވަނީ ހިއްސާކޮށްފައެވެ.
ރައީސުލްޖުމްހޫރިއްޔާ މިހާރު އައްޑޫ ސިޓީއަށާއި ފުވައްމުލަކު ސިޓީއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ޝަންގްރިއްލާ ރިސޯޓަށް ވަޑައިގެންނެވުމުން، އެތަނުގެ މެނޭޖްމަންޓުން ވަނީ ޚާއްޞަ ޕްރެޒެންޓޭޝަނެއް މެދުވެރިކޮށް، ރިސޯޓް އަލުން ހުޅުވުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ ތަފްސީލު އަރުވާފައެވެ. އެގޮތުން، އަންނަ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހު ރިސޯޓް ހުޅުވާލުމަށް އަމާޒު ހިފާފައިވާކަން މެނޭޖްމަންޓުން ފާހަގަކުރިއެވެ.
މި ޕްރެޒެންޓޭޝަންގައި، ރިސޯޓްގެ ވޯޓަރ ވިލާތަކާއި، ރެސްޓޯރެންޓްތަކުގެ އިތުރުން ޑެކިންތައް މަރާމާތުކޮށް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަސައްކަތް ކުރިއަށްދާކަމުގެ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާއަށް އެރުވިއެވެ. އަދި ރިސޯޓް ހިންގުން ހުއްޓާލާފައި އޮތް ނަމަވެސް، މި ދިގު މުއްދަތުގައިވެސް ރިސޯޓްގެ މަރާމާތުގެ މަސައްކަތްތައްކޮށް، ރަނގަޅަށް ބަލަހައްޓަމުން އައިކަން މެނޭޖްމަންޓުން ވަނީ ފާހަގަކޮށްފައެވެ.
Ads by BMLޕްރެޒެންޓޭޝަނަށްފަހު، ރައީސުލްޖުމްހޫރިއްޔާ އާއި އެމަނިކުފާނުގެ އަރިހުގައި ވަޑައިގެންނެވި ވަފުދު، ރިސޯޓްގައި ކުރިއަށްދާ މަސައްކަތްތައް ބައްލަވާލެއްވުމަށް ޚާއްޞަ ޓުއަރެއްގައި ބައިވެރިވެވަޑައިގެންނެވިއެވެ. މި ޓުއަރގައި ސަރުކާރުގެ ބައެއް ވަޒީރުންނާއި، ޓޫރިޒަމް މިނިސްޓްރީގެ އިސްވެރިންގެ އިތުރުން، ރައްޔިތުންގެ މަޖިލީހުގައި އައްޑޫ ސިޓީ ތަމްސީލުކުރައްވާ ބައެއް މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.
އައްޑޫ ސިޓީގެ އިޤްތިޞާދަށް މުހިންމު ދައުރެއް އަދާކުރި ޝަންގްރިއްލާ ވިލިނގިލި ރިސޯޓަކީ 2009 ވަނަ އަހަރު ހުޅުވި 284 އެނދުގެ ލަގްޒަރީ ރިސޯޓެކެވެ. މި ރިސޯޓް ބަންދުކުރީ، މުޅި ދުނިޔެއަށް ފެތުރުނު ކޮވިޑް-19ގެ ވަބާއާ ގުޅިގެން 2020 ވަނަ އަހަރުގެ މާރިޗު މަހުގެ ތެރޭގައެވެ.
Ads by MACL
