ސަރުކާރުގެ 213 މަޝްރޫޢެއް އަމިއްލަ ކުންފުނިތަކާ ހަވާލުކުރަނީ
ރާއްޖޭގެ އެކިކަންކޮޅުތަކުގައި ސަރުކާރުން ހިންގަވާ ބޮޑެތި މަޝްރޫޢުތަކުގެ ތެރެއިން ޖުމުލަ 213 މަޝްރޫޢެއް އަމިއްލަ ކުންފުނިތަކާ ހަވާލުކުރައްވާނެކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާނުކުރައްވައިފިއެވެ. ރައީސް މިއިއުލާންކުރެއްވީ އައްޑޫގައި ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައެވެ.
މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ ސަރުކާރުގެ މައިގަނޑު އަމާޒަކީ އަމިއްލަ ކުންފުނިތައް ކުރިއެރުވުމާއި، ޢިމާރާތްކުރުމުގެ ދާއިރާއަށް ކުރިއެރުން ގެނައުން ކަމަށެވެ. އެގޮތުން، ޖުމުލަ 213 މަޝްރޫޢު އަމިއްލަ ކުންފުނިތަކާ ހަވާލުކުރެވޭނެ ކަމަށާއި، އޭގެ ތެރެއިން 205 މަޝްރޫޢު މިއަދު ހަވާލުކުރެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.
"213 މަޝްރޫޢުތަކުގެ ތެރެއިން 8 މަޝްރޫޢު މި ދަތުރުގައި ފުވައްމުލަކާއި އައްޑޫ އަތޮޅުގައި މި ސޮއިކުރީ. ޖުމުލަ 213 މަޝްރޫޢު ހަވާލުކުރެވޭނެ. ތަޢުލީމީ، ޞިއްޙީ، އަމަން އަމާންކަން، މަތީ ތަޢުލީމު، ޖުމުލަކޮށް ހުރިހާ ދާއިރާއަކުން." ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ، ކުރީ ސަރުކާރުން އަމިއްލަ ކުންފުނިތަކާ ހަވާލުކޮށްގެން މަސައްކަތްކުރުވުމަށްފަހު ނުދީ ހުރި ފައިސާ ދެއްކުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ. އަދި މި މަސް ނިމުމުގެ ކުރިން އެ ފައިސާ ދައްކާ ޚަލާސްކުރުމަކީ ސަރުކާރުގެ އަމާޒެއް ކަމަށެވެ. އެއްވެސް ފައިސާއެއް ޗާޕުނުކޮށް، ހުރިހާ ދާއިރާއެއް ކުރިއަރާނެހެން މަޝްރޫޢުތައް ކުރިއަށްގެންދެވި، ދަރަނިތައްވެސް އަދާކުރަމުންދާ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
Ads by BMLއަމިއްލަ ކުންފުނިތަކަށް ގިނަ އަދަދެއްގެ މަޝްރޫޢުތަކެއް ހަވާލުކުރާނެކަން ރައީސުލްޖުމްހޫރިއްޔާ އިޢުލާންކުރެއްވީ މިދިޔަ މަހުގެ 21 ވަނަ ދުވަހު ލ. ގަމުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. މިކަމުގެ ސަބަބުން އެތައް ކުންފުންޏަކަށް ފައިސާ ލިބި، ދިވެހި އެތައް ޢާއިލާއަކަށް ތަނަވަސްކަން ލިބުމުގެ މަގުފަހިވާނެކަން ރައީސް ފާހަގަކުރައްވާފައިވެއެވެ.
Ads by MACL
