ރާއްޖެ ބަނގުރޫޓެއް ނުވާނެ، ދަރަނި ދައްކާނެ ފައިސާ އެބަހުރި: މިނިސްޓަރ ޒަމީރު
ރާއްޖެ ބަނގުރޫޓްނުވާނެ ކަމަށާއި، ދަރަނި އަދާކުރުމަށް ބޭނުންވާ ފައިސާ ދައުލަތުގެ އަތުގައި އެބަހުރިކަމުގެ ޔަޤީންކަން މާލީ ވަޒީރު މޫސާ ޒަމީރު ދެއްވައިފިއެވެ. މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު އޮތް ނާޒުކު މާލީ ހާލަތުގެ ސަބަބުން ބޭރު ދުނިޔެއިން ރާއްޖެއާމެދު ދެކެމުން އައި ދެކުން މުޅިން ބަދަލުވެފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ޒަމީރު މިހެން ވިދާޅުވީ، ސަރުކާރުގެ ބައެއް މަޝްރޫޢުތައް އަމިއްލަ ކުންފުނިތަކާ ހަވާލުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ. އޭނާ ވިދާޅުވީ، ރާއްޖޭގެ މާލީ ހާލަތު ރަނގަޅުކުރުމަށް ސަރުކާރުން އެޅި ފިޔަވަޅުތަކުގެ ނަތީޖާއެއްގެ ގޮތުން ބައިނަލްއަޤްވާމީ މާލީ އިދާރާތަކާއި އެކުވެރި ޤައުމުތަކުގެ އިތުބާރު އަލުން ހޯދިފައިވާ ކަމަށެވެ. އެގޮތުން، ބައެއް ޤައުމުތަކުން ދަރަނި އަދާކުރުމަށް ލުއިތަކެއް ދީފައިވާކަން ފާހަގަކުރައްވައި، ރާއްޖެއަކީ ދަރަނި އަދާކުރެވޭނެ ޤާބިލުކަންހުރި ޤައުމެއްގެ ގޮތުގައި އެ ފަރާތްތަކުން މިހާރު ޤަބޫލުކުރާކަމަށް އޭނާ ވިދާޅުވިއެވެ.
މިކަން އިތުރަށް ސާބިތުކޮށްދެއްވަމުން ވަޒީރު ވިދާޅުވީ، ދަރަނި ދެއްކުމަށް ޚާއްސަކޮށްފައިވާ ފަންޑުގައި މިހާރުވެސް ސަތޭކަ މިލިއަން އެމެރިކާ ޑޮލަރަށްވުރެ ގިނަ އަދަދެއް ނަގުދު ފައިސާގެ ގޮތުގައި އެބަހުރި ކަމަށެވެ. އަދި މި އަހަރު ނިމޭއިރު، ދައުލަތަށް ލިބޭ އާމްދަނީއަކީ ޖީޑީޕީގެ 32 އިންސައްތައަށް ވާސިލުވާނެ އަދަދެއްކަމަށް އަންދާޒާ ކުރެވޭކަމަށްވެސް ވިދާޅުވިއެވެ.
Ads by BMLވަޒީރު ވިދާޅުވީ، ސަރުކާރުން މަޝްރޫޢުތައް އަމިއްލަ ފަރާތްތަކާ ހަވާލުކުރުމުގައި މައިގަނޑު ހަތަރު އަމާޒެއް ހާސިލްކުރަން ބޭނުންވާ ކަމަށެވެ. އޭގެ ތެރޭގައި، ކުންފުނިތަކަށް ފައިސާ ދެއްކުމުގެ ހަރުދަނާ އުސޫލެއް ޤާއިމުކުރުމާއި، މަޝްރޫޢުތަކުގެ މަރާމާތުގެ ޒިންމާ ނެގުމާއި، ޕްރައިވެޓް ސެކްޓަރު މެދުވެރިކޮށް ދިވެހިންގެ އާމްދަނީ އިތުރުކުރުން ހިމެނޭކަމަށް ފާހަގަކުރެއްވިއެވެ. އަދި މަޝްރޫޢު ހިންގާ ކުންފުނިތަކަށް ދޭންޖެހޭ ފައިސާ ގަވާއިދުން ދެއްވާނެކަމުގެ ފުރިހަމަ ޔަޤީންކަންވެސް ވަޒީރު ދެއްވިއެވެ.
މި ރަސްމިއްޔާތުގައި ގެދޮރުވެރިކަމާއި، ތަޢުލީމީ އަދި ޞިއްޙީ ދާއިރާގެ ގިނަ މަޝްރޫޢުތަކެއް ވަނީ އަމިއްލަ ފަރާތްތަކާ ހަވާލުކޮށްފައެވެ.
Ads by MACL
