ރިސޯޓުތަކުން އުކާލާ ތެޔޮ ވިއްކި މައްސަލައެއްގައި ބަންގްލަދޭޝް 4 މީހަކު ހައްޔަރުކޮށްފި
ރިސޯޓުތަކުން އުކާލާ ތެޔޮ ވިއްކުމުގެ ތުހުމަތުގައި ބަންގްލަދޭޝްގެ 4 މީހަކު ހައްޔަރުކޮށް، 10 ދުވަހުގެ ބަންދަށް ކޯޓުން ވަނީ ޖަހާފައެވެ. މި މައްސަލައިގައި ފުލުހުން ވަނީ 46 ހަން ތެޔޮ ހޯދާފައެވެ.
ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ރޭގެ ދަންވަރު ހިންގި އޮޕަރޭޝަނެއްގައި ހުޅުމާލެ، އެމްޕީއެލް ކޮންޓެއިނާ ޖެޓީ ސަރަހައްދުގައި އޮތް ޑިންގީއަކުން ތެޔޮ ހަންތަކެއް ބާލައި ޕިކަޕަކަށް އަރުވަމުން ދަނިކޮށް ފަސް މީހަކު ވަނީ ހައްޔަރުކޮށްފައެވެ. މިއީ ރިސޯޓުތަކުން ބޭނުންކޮށްފައި އުކާލާ ތެޔޮ ކަމަށް ފުލުހުން ބުނެއެވެ.
މި އޮޕަރޭޝަންގައި ދޯންޏަކާއި ޑިންގީއަކާއި ޕިކަޕެއް ބަލައިފާސްކުރިއިރު، 46 ހަން ތެޔޮ ފެނިފައިވެއެވެ. މި ތެޔޮ ވިއްކުމަކީ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) ގެ ގަވާއިދުތަކާ ހިލާފު ކަމެކެވެ.
Ads by BMLފުރަތަމަ ފަސް މީހަކު ހައްޔަރުކުރި ނަމަވެސް، އޭގެތެރެއިން އެކަކު ވަނީ ޝަރުތުކުރުމަށް ފަހު ދޫކޮށްލާފައެވެ. މި މައްސަލައިގައި މިހާރު ހައްޔަރުކޮށްފައިވާ ބަންގްލަދޭޝްގެ ހަތަރު މީހުންނަކީ:
އަލް އަމީން ބޮޔަޓި (37އ)
ދުލާލް މިއާހް (32އ)
މޮހަންމަދު ރަސެލް މިއާހް (34އ)
މަންވަރު ހޮސައިން (45އ)
ފުލުހުން ބުނީ ބޭނުންކޮށްފައިވާ ތެޔޮ ނުރައްކާތެރި ގޮތެއްގައި ބޭނުންކުރުމަކީ ސިއްހީ ގޮތުންނާއި ތިމާވެށީގެ ގޮތުން ވެސް ނޭދެވޭ އަސަރުތައް ފޯރުވާ ކަމެކެވެ. މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ހާމަކުރެއެވެ.
Ads by MACL
