ކުޅިވަރުގެ ކުރިއެރުމަށް އެތްލީޓުންގެ ދައުރު މުހިންމު: ވަޒީރު ރާފިއު
ރާއްޖޭގެ ކުޅިވަރު ދާއިރާ ތަރައްޤީ ކުރުމަށްޓަކައި އެތްލީޓުންގެ ދައުރު މުހިންމުކަމަށް ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ، މާދަމާ ސައުދީ އަރަބިއްޔާގެ ރިޔާދުގައި ފެށުމަށް ހަމަޖެހިފައިވާ އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައި ރާއްޖެއިން ވާދަކުރާ ބައެއް ކުޅިވަރުގެ އެތްލީޓުންނާއި މުޚާތަބުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. ރާއްޖޭގެ ކުޅިވަރުގެ ކުރިއެރުމަށް އެތުލީޓުން އިތުރަށް މަސައްކަތް ކުރުމަށް މިނިސްޓަރުވަނީ ބާރުއަޅުއްވާފައެވެ.
މިނިސްޓަރު ރާފިއު ވިދާޅުވީ، ރާއްޖެއިން ބައިނަލްއަޤުވާމީ މުބާރާތްތަކުގައި ވާދަކޮށް ރަނގަޅު ކާމިޔާބީތަކެއް ހޯދަމުން އަންނަކަމަށްވިޔަސް، މިހާރަށްވުރެ ގިނަ ކާމިޔާބީތައް ހޯދުމަށް އަދިވެސް ގިނަ މަސައްކަތްތަކެއް ކުރަންޖެހޭކަމަށެވެ. ކޮންމެ އެތުލީޓެއް ވެސް އަބަދުވެސް ބަލަންޖެހޭނީ ކުރިއަށްދެވޭނެ ގޮތެއް ހޯދައި އެގޮތަށް މަސައްކަތް ކުރުމަށްކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
Ads by BMLރާފިއު ވިދާޅުވީ، ސަރުކާރުން ރާއްޖޭގެ ކުޅިވަރު ކުރިއެރުވުމަށް މިހާރު ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށާއި، ވަރަށް ގިނަ ރަށްރަށުގައި ސްޕޯޓްސް އެރީނާތަކާއި ކޯޓުތަކެއް އަޅަމުންދާ ކަމަށެވެ. އެހެންކަމުން، އެތްލީޓުން ދުވަހެއް ދުވަހަކަށް ކުރިއެރުމަށް މަސައްކަތް ކުރުން މުހިންމުކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މުބާރާތްތަކަށް ތައްޔާރުވާއިރު ވަކި ޓާގެޓްތަކެއް ހާސިލުކުރުމަށް ފޯކަސްކޮށް، އެއް މުބާރާތަށްވުރެ އަނެއް މުބާރާތުގައި ހޯދާ ކާމިޔާބީ އިތުރުކުރުމަށް މަސައްކަތް ކުރުމުގެ މުހިންމުކަން މިނިސްޓަރު ރާފިއު ފާހަގަކުރެއްވިއެވެ.
"ގޭމްސްތަކަށް އަންނާނީ ވަރަށް ބޮޑަށް ފޯކަސްކޮށްގެން، ވަކި ޓާގެޓްތަކެއް ހާސިލު ކުރަން. އެޓާގެޓް ހާސިލު ކުރުމަށް ފިޔަވަޅަކަށް ފަހު ފިޔަވަޅެއް ކުރިއަށްދާންޖެހޭ. އަޅުގަނޑުމެންގެ އެތްލީޓުން މިޖެހެނީ އެމީހުންނަށްވުރެއް ބާރަށް ކުރިއަރަން، އެހެން ގައުމުތައް ކުރިއަރައިގެން އަންނައިރު، ދުވަހަކަށްވުރެއް ދުވަހެއް އަދި އެއް މުބާރާތަކަށްވުރެއް އަނެއް މުބާރާތުގައި ހޯދާ ކާމިޔާބީ މަތިކުރަންޖެހޭ." މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރުގެ ވާހަކަފުޅުގައި ރާއްޖޭގެ ކުޅިވަރު ދާއިރާއަށް ބޮޑު އިންގިލާބީ ބަދަލުތަކެއް އަންނާނެކަމަށް ޤަބޫލުކުރައްވާ ކަމަށް ވިދާޅުވިއެވެ.
Ads by MACL
