ޗައިނާގެ އެހީތެރިކަމުން ރާއްޖޭގެ ތަރައްޤީއަށް ބޮޑު ކުރިއެރުމެއް: ރައީސް މުއިއްޒު
ޗައިނާގެ އެހީތެރިކަމުން ރާއްޖޭގެ ތަރައްޤީއަށް ބޮޑު ކުރިއެރުމެއް ލިބިއްޖެކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު ވިދާޅުވީ، ރާއްޖޭގެ ކޮންމެ ދިމާއަކުން ވެސް ފެންނަނީ ޗައިނާއިން ދީފައިވާ ދީލަތި އެހީތެރިކަން ކަމަށާއި، އުމްރާނީ ތަރައްޤީގެ އިތުރުން އެކި ދާއިރާތަކުން ދެޤައުމުގެ ގުޅުން ވަރަށް ބޮޑަށް ހަލުއިވެފައިވާ ކަމަށެވެ.
ޒިންހުއާ ނޫހަށް ދެއްވި ބަސްދީގަތުމެއްގައި ރައީސް ވަނީ މިކަން ފާހަގަކުރައްވާފައެވެ.
Ads by BMLރާއްޖެއާއި ޗައިނާއާ ދެމެދު އެތައް ޒަމާނެއްގެ ގުޅުމެއް އުފެދިފައިވާކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، މި ގުޅުމުގެ ސަބަބުން ދެޤައުމަށް ވެސް ގިނަ ފައިދާތަކެއް ލިބިފައިވާ ކަމަށެވެ. ޗައިނާއިން ރާއްޖެއަށް ދީފައިވާ އުމްރާނީ ތަރައްޤީގެ އެހީތަކުގެ ސަބަބުން، އިޤްތިޞާދީ ގޮތުން ރާއްޖެއަށް ގިނަ ދޮރުތަކެއް ހުޅުވި، މިކަމުގެ މަންފާ ސިޔާސީ އަދި އިޖްތިމާޢީ ގޮތުން ވެސް ކުރަމުން އަންނަ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ނަމަވެސް، މިހާރު ދެޤައުމުގެ ގުޅުން އޮތީ ކުރިން ދެކެފައިނުވާފަދަ އުސްމިނެއްގައިކަން ފާހަގަކުރައްވަމުން ރައީސް މުޢިއްޒު ވިދާޅުވީ، އުމްރާނީ ތަރައްޤީގެ އިތުރުން ވިޔަފާރި، ދަނޑުވެރިކަން، މަސްވެރިކަން، މުވާޞަލާތު، ޞިއްޙަތު، ތަޢުލީމު އަދި ޑިޖިޓަލް އިޤްތިޞާދު ފަދަ ގިނަ ދާއިރާތަކުން ގުޅިގެން ކުރާ މަސައްކަތްތައް ހަލުއިވެފައިވާ ކަމަށެވެ.
"އަދި މި އަހަރުގެ ކުރީކޮޅު ދެ ޤައުމުގެ ދެމެދުގައި ޤާއިމްކޮށްފައިވާ ފްރީ ޓްރޭޑް އެގްރީމަންޓް (އެފްޓީއޭ) އަށް ޢަމަލުކުރަން ފެށުމާ އެކު ދެ ޤައުމުގެ ވިޔަފާރީގެ ގުޅުން ވަނީ މުޅީން އާ ހަރުފަތަކަށް ގެންގޮސްފައި. އަދި މުސްތަޤްބަލުގައި އެ ގުޅުން އިތުރަށް ވަރުގަދަވެ، ފުޅާވެގެންދާނެ،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވި ގޮތުގައި، ރާއްޖެއާއި ޗައިނާއާ ދެމެދު އޮތް ގާތް ގުޅުމުގެ ބިންގަލަކީ ރަޙުމަތްތެރިކަމާއި އިޙްތިރާމާއި އެއްބާރުލުންދިނުމުގެ ރޫޙެވެ. އަދި ބޮޑު ޤައުމަކުން ކުދި ޤައުމުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ޗައިނާއިން ނަމޫނާ ދައްކަމުން އަންނަ ކަމަށާއި، އެކަމުގެ ސަބަބުން ރާއްޖެ ފަދަ ކުޑަ ޤައުމަކަށް ހިތްވަރު ލިބޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރާއްޖެއިން އަބަދުވެސް "ވަން ޗައިނާ" ސިޔާސަތަށް ތާއީދުކުރާނެ ކަމުގެ ޔަޤީންކަން ދެއްވަމުން، ރައީސް ވަނީ ދެ ޤައުމު ގުޅިގެން ކުރިމަތިވާ އެކި ގޮންޖެހުންތަކުން އަރައިގަތުމަށް މަސައްކަތްކުރައްވަން ރާއްޖެއިން ތައްޔާރަށް އޮތް ކަމަށް ވިދާޅުވެފައެވެ.
Ads by MACL
