ހައްޖު ލިސްޓު ކަށަވަރު ކުރާނަން، އޮޅުވާލައި ދޮގު މައުލޫމާތު ދީފައިވާނަމަ އެ ފުރުސަތު ގެއްލޭނެ: ވަޒީރު ޝަހީމް
އޮޅުވާލައި، ދޮގު މައުލޫމާތުދީގެން ފަޤީރުންގެ ދަފްތަރުގައި ޖެހިފައިވާކަން ސާބިތުވެއްޖެނަމަ އެމީހަކަށް ޙައްޖުގެ ފުރުޞަތު ގެއްލޭނެކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ ފަޤީރުންގެ ތެރެއިން މިއަހަރު ދައުލަތުގެ ޚަރަދުގައި ޙައްޖުގެ އަޅުކަން އަދާކުރުމުގެ ފުރުޞަތުދޭ ފަންސާސް މީހުންގެތެރޭގައި އޮޅުވާލައިގެން މަޢުލޫމާތު ދީފައިވާ މީހުން ހިމެނޭކަމަށް ދެކެވޭ ވާހަކަތަކާއި ގުޅިގެންނެވެ.
އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ، ދައުލަތުގެ ޚަރަދުގައި ހައްޖަށް ދާން ފަޤީރުންގެ ދަފްތަރުން ހޮވޭ ފަރާތްތައް ޙައްޖަށް ފޮނުވާނީ އިތުރަށް އެމީހުންގެ ޙާލަތު ބަލައި، ފަޤީރުންގެ ޝަރުޠަށް ފެތޭކަން ކަށަވަރުކޮށްފައިކަމަށެވެ. އެއާ ޚިލާފަށް އޮޅުވާލައިގެން މައުލޫމާތު ދީގެން ދަފްތަރުގައި ޖެހިފައިވާކަން ސާބިތުވެއްޖެނަމަ ޙައްޖުގެ ފުރުޞަތު އެމީހަކަށް ގެއްލޭނެކަމަށްވެސް އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ވިދާޅުވިއެވެ.ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިޒުގެ ވަޢުދާ އެއްގޮތަށް، ދައުލަތުގެ ޚަރަދުގައި މިއަހަރު ޙައްޖަށް ފޮނުވާ 50 ފަގީރުން ވަނީ ހޮވާފައެވެ. އަދި އެއްވެސް ޙާލަތެއް ދިމާވެގެން މީހަކު އުނިވެއްޖެނަމަ، ފުރުޞަތުދޭނެ 10 މީހުންވެސް ވަނީ ހޮވާފައެވެ. މިދިޔަ އަހަރެކޭ އެއްގޮތަށް މިއަހަރުވެސް ފަޤީރުންގެ ދަފްތަރުން ޙައްޖަށް ފޮނުވުމަށް ހަމަޖެހިފައިވާ މީހުން ހޮވާފައިވަނީ ގުރުއަތުންނެވެ.
Ads by BMLރައީސުލްޖުމްހޫރިއްޔާގެ މި ވަޢުދުގެ ތެރެއިން ފަޤީރުން ހައްޖަށް ފޮނުވަން ފަށާފައިވަނީ މިދިޔަ އަހަރުއެވެ.
އުސޫލެއްގެ ގޮތުން ރާއްޖެއަށް ކޮންމެ އަހަރަކުވެސް ލިބެނީ 1000 ޙައްޖު ކޯޓާއެވެ. ރާއްޖެއިން މިހާރު މީހުން ޙައްޖަށް ގެންދަނީ ޙައްޖު ކޯޕަރޭޝަނުން އެކަންޏެވެ. މިއަހަރުގެ ޙައްޖު ދުވަސް މީލާދީގޮތުން ދިމާވަނީ ޖޫން މަހުގެ 5 ވަނަ ދުވަހާއެވެ.
Ads by MACL
