ސިފައިންގެ ވައިގެ އުޅަނދުތައް ބޭނުންކޮށްގެން، ގަވާއިދާއި ޚިލާފަށް ވަދެއުޅުނު ބޯޓެއް ހިފަހައްޓައިފި
ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ގަވާއިދާ ޚިލާފަށް ވަދެ ހަރަކާތްތެރިވަމުން ދިޔަ ބޭރުގެ ބޯޓެއް، ސިފައިންގެ ވައިގެ އުޅަނދު (ޑްރޯން) ބޭނުންކޮށްގެން ހިންގި ސަވައިލެންސް އޮޕަރޭޝަނެއްގައި ހިފަހައްޓައިފިއެވެ.
އެމްއެންޑީއެފްއިން މިއަދު ބުނީ، އެއާ ކޯއިން ހިންގި މި އޮޕަރޭޝަނަށްފަހު، ކޯސްޓްގާޑު ސްޕެޝަލް ބޯޓް ސްކޮޑްރަނުން އެ ބޯޓު އިންޓަސެޕްޓްކޮށް، މިހާރު އެމްއެންޑީއެފްގެ ބާރުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ. ނަމަވެސް އެއީ ކޮން ޤައުމެއްގެ ބޯޓެއް ކަމެއް، އަދި ކީއްކުރަން ރާއްޖޭގެ ސަރަހައްދަށް ވަދެ އުޅުނު އުޅަނދެއް ކަމެއް އަދި ހާމައެއް ނުކުރެއެވެ.
މީގެ އިތުރުން، އެމްއެންޑީއެފް ކޯސްޓްގާޑުން ހިންގި އެހެން އޮޕަރޭޝަނެއްގައި، ރާއްޖޭގެ ހާއްސަ އިޤްތިސާދީ ސަރަހައްދުގައި ގާނޫނާ ޚިލާފަށް މަސްވެރިކަން ކުރަމުންދިޔަ ސްރީލަންކާގެ ދެ މަސްބޯޓެއް ވެސް ވަނީ ބެލުމުގެ ދަށަށް ގެނެސްފައެވެ. މިދިޔަ ބުދަ ދުވަހުގެ ރޭ ވ. ފޮއްތެޔޮމުލީގެ އިރުން 137 ނޯޓިކަލް މޭލު ބޭރުން ހިފެހެއްޓި މި ދެ ބޯޓު މާލެ ގެނައުމުގެ މަސައްކަތް ކޯސްޓްގާޑުން މިހާރު ދަނީ ކުރަމުންނެވެ.
Ads by BMLރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމުގެ ޤާބިލުކަން އިތުރުކުރުމަށް ތުރުކީން ގެނައި ޑްރޯންތައް ބޭނުންކުރަން ފަށާފައިވަނީ މިދިޔަ އަހަރުގެ މާޗް މަހުގެ 15 ގައެވެ. މި ޑްރޯންތަކަކީ 27 ގަޑިއިރަށްވުރެ ގިނައިރު، 25،000 ފޫޓަށްވުރެ މަތިން އުދުހުމުގެ ޤާބިލުކަން ލިބިފައިވާ، ޒަމާނީ އާލާތްތަކެކެވެ. ސާޖިކަލް ޕްރިޒިޝަން ސްޓްރައިކްތައް ދިނުމުގެ ކުޅަދާނަކަން ލިބިފައިވާ މި ޑްރޯންތައް އޮޕަރޭޓްކުރަނީ އެމްއެންޑީއެފް އެއާ ކޯއިންނެވެ.
މިފަދަ އޮޕަރޭޝަންތައް ހިންގުމަށް ބާރުވެރިކަން އިތުރުކުރުމުގެ ގޮތުން، ރައީސް ޑރ. މުޙައްމަދު މުއިއްޒު ވަނީ މިދިޔަ ބުދަ ދުވަހު އައްޑޫ ސިޓީ ގަމުގައި އެމްއެންޑީއެފްގެ ފުރަތަމަ އެއާ ސްޓޭޝަން ހުޅުވައިދެއްވާފައެވެ. އަދި މިއަހަރު ނިމުމުގެ ކުރިން ށ. ފުނަދޫގައި ދެވަނަ އެއާ ސްޓޭޝަނެއް ޤާއިމުކުރާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
Ads by MACL
