ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް: ތަރައްގީގެ މުޅިން އާ ރަމްޒެއް!
އުތުރުގެ އިޤްތިޞާދީ ހަބަށް ހެދުމަށް ތަރައްޤީކުރި ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓްގެ އައު ޓަރމިނަލް، ހަމައެކަނި ދަތުރުފަތުރުގެ މަރުކަޒަކަށްވުރެ ބޮޑު މަންޒަރެއް ދައްކުވައިދީފިއެވެ. މި އެއަރޕޯޓް ފަރުމާކޮށްފައިވަނީ، ދިވެހިރާއްޖެއަށް އަންނަ ކޮންމެ ދަތުރުވެރިއަކަށް ދިވެހި ތާރީޚާއި، ސަގާފަތާއި، ގުދުރަތީ ރީތިކަން ސިފަކޮށްދޭ ދިރިހުރި މިއުޒިއަމެއްގެ ގޮތުގައެވެ. މިއީ ހަމައެކަނި ޢިމާރާތެއް ނޫނެވެ. ދިވެހިވަންތަކަމުގެ ވާހަކަ ކިޔައިދޭ ފުރިހަމަ މަންޒިލެކެވެ.
އެއަރޕޯޓުގެ އެރައިވަލް ހޯލަށް ފިޔަވަޅު އަޅާ ކޮންމެ މީހަކުވެސް، ފުރަތަމަ މަރުޙަބާކިޔަނީ ދިވެހި ކަނޑުއަޑީގެ ފިނިކަމާއި ރީތިކަން ހިތަށް ގެނުވައިދޭ، މޫދު މަޑިތަކެއްގެ ތްރީޑީ ކުރެހުމަކުންނެވެ. އެއާ ޖެހިގެން ހުންނަ ދިވެހި ތާރީޚީ މިސްކިތްތަކުގައި ފެންނަ ހިރިގަލުގެ މަސައްކަތްތައް ރަމްޒުކޮށްދޭ ކުރެހުންތަކުން، ދިވެހިންގެ އަތްތެރި މަސައްކަތުގެ މުއްސަނދިކަން ފާޅުކޮށްދެއެވެ.
އެއަރޕޯޓުގެ ތެރެއަށް އިތުރަށް ހިނގައިލުމުން، ރާއްޖޭގެ ރަށްފުށުގެ ދިރިއުޅުމުގެ ތަފާތު މަންޒަރުތައް ފެނިގެންދެއެވެ. ފިލާކޮށައިގެން މަށާފައިވާ ގޮނޑުދޮށްތަކާއި، ދިވެހިންގެ ދަތުރުފަތުރުގެ ސަގާފީ އުޅަނދުފަހަރުތަކުގެ އިތުރުން، ފެހިކަން ގަދަ ފާތަކާއި ކުޅިތަކުގެ ކުރެހުންތަކުން، ޖަޒީރާ ދިރިއުޅުމުގެ ހިތްގައިމުކަން ވަރަށް ފުރިހަމައަށް އަންގައިދެއެވެ.
Ads by BMLމީގެ އިތުރުން، ދިވެހި އަންހެނުންގެ މަސައްކަތްތެރިކަމުގެ ރަމްޒެއް ކަމުގައިވާ ކަސަބު ލިބާހާއި، ލިޔެލާޖެހުމުގެ ފަންނުވެރިކަން ދައްކުވައިދޭ މަންޒަރުތައް ހިމަނާފައިވެއެވެ. އަދި ދިވެހިންގެ ސަގާފީ ކުޅިވަރުތައް ކަމަށްވާ ބޮޑުބެރާއި، ކޯޑި ކެނޑުމާއި، ބޮޑުމަސްކުޅުން ފަދަ ކުޅިވަރުތައް ހިމެނޭ ކުރެހުމަކީ، ދިވެހި ތަރިކަ އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމުގެ މުހިންމުކަން ހަނދާންކޮށްދޭ މަންޒަރެކެވެ.
ޤައުމީ ރޫޙު އާލާކޮށްދިނުމުގެ ގޮތުން، ޕޯޗުގީޒުންގެ އަޅުވެތިކަމުން ރާއްޖެ މިނިވަންކުރެއްވި ބަތަލު، މުޙައްމަދު ތަކުރުފާނުގެ ޖިހާދުގެ މަންޒަރު ދައްކުވައިދޭ ކުރެހުމެއް ލަގެޖު ބެލްޓުތަކުގެ ކައިރިން ފެނެއެވެ. އަދި ޓަރމިނަލުން ނުކުންނަ ގޭޓު ކައިރީގައި ތާނަ އަކުރާއި، ލޯމާފާނާއި، ސަންގު ހިމެނޭ ކުރެހުމަކުން ދިވެހިބަހާއި ތާރީޚަށް ދީފައިވާ އަހައްމިއްޔަތު ފާހަގަކޮށްދެއެވެ.
މި ފަރުމާއަކީ ހަމައެކަނި އެރައިވަލްއަށް ހާއްސަ ކުރެވިފައިވާ ކަމެއް ނޫނެވެ. ބައިނަލްއަޤުވާމީ ފުރުރުންތަކަށް ޚާއްޞަކޮށްފައިވާ މަތީ ފަންގިފިލާއަށް އަރާއިރު، ދިވެހި ރުއްގަހާއި ކުރުނބާގެ މަންޒަރާއި ދިވެހި ކަނޑުތަކުގެ ދިރުންތައް ދައްކުވައިދޭ ކުރެހުންތަކުންވެސް، ދިވެހިވަންތަ މާޙައުލެއް ޤާއިމުކޮށްދެއެވެ.
ހަނިމާދޫ އެއަރޕޯޓަކީ ހަމައެކަނި ދަތުރުފަތުރުގެ ޚިދުމަތްދޭ ތަނެއްގެ ބަދަލުގައި، ދިވެހިވަންތަކަމުގެ ފަޚުރުވެރި ހެއްކެއްގެ ގޮތުގައި ފާހަގަކުރެވެއެވެ. މިއީ އުތުރުގެ ފަތުރުވެރިކަމަށް ހުޅުވިގެންދާ ހަމައެކަނި ދޮރާއްޓެއްގެ އިތުރުން ދިވެހި ޤައުމިއްޔަތު ދުނިޔެއަށް ދައްކުވައިދޭ ފަޚުރުވެރި މައިދާނެކެވެ.
Ads by MACL
