ތިމަރަފުއްޓާއި ގުރައިދޫގައި އައިޑީ ކާޑު ޕްރިންޓުކޮށް ދޫކުރުމުގެ ޚިދުމަތް ފަށައިފި
ސަރުކާރުން ޚިދުމަތްތައް ލާމަރުކަޒުކުރުމުގެ ސިޔާސަތުގެ ދަށުން، ތ. އަތޮޅު ގުރައިދޫއާއި ތިމަރަފުށީގެ ރައްޔިތުންނަށް، އެމީހުންގެ އުފަން ރަށުގައި ތިބެގެން ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ޕްރިންޓުކޮށް ހެދުމުގެ ޚިދުމަތް ރަސްމީކޮށް ފަށައިފިއެވެ.
މިއީ ރާއްޖޭގެ ކޮންމެ އަތޮޅަކުން މި ޚިދުމަތް ފޯރުކޮށްދިނުމަށް ސަރުކާރުން ކުރައްވަމުންގެންދަވާ މަސައްކަތުގެ މުހިންމު ބައެކެވެ.
ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރު) އިން ވިދާޅުވީ، މި ޚިދުމަތް މި ދެ ރަށުގައި ފެށުމާއެކު، ގުރައިދޫއާއި ތިމަރަފުށީގެ ރައްޔިތުންނަށް އެހެން ރަށަކަށް ދަތުރުކުރުމަކާ ނުލައި އައިޑީ ކާޑު ހެދުމުގެ ފަސޭހަ ލިބިގެންދާނެ ކަމަށެވެ. އަދި މިއީ އައިޑީ ކާޑުގެ ޚިދުމަތްތައް ހަރުދަނާކޮށް، އަވަސްކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއްކަމަށްވެސް ޑީއެންއާރުން ފާހަގަކުރެއެވެ.
Ads by BMLގުރައިދޫއާއި ތިމަރަފުއްޓާއެކު ތ. އަތޮޅުގައި މި ޚިދުމަތް ދޭ ރަށްތަކުގެ އަދަދު މިހާރު ހަތަރަކަށް އަރާފައިވާއިރު، މީގެ ކުރިން ވަނީ ވޭމަންޑޫއާއި ވިލުފުށީގައި މި ޚިދުމަތް ފަށާފައެވެ. އައިޑީ ކާޑާއި ޕާސްޕޯޓް ފަދަ ޚިދުމަތްތައް ރައްޔިތުންނާ ގާތުން ފޯރުކޮށްދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މުހިންމު ވައުދުފުޅެކެވެ.
ރައްޔިތުންނާ ގާތުން އައިޑީ ކާޑު ޕްރިންޓްކުރުމުގެ ޚިދުމަތް ދިނުމުގެ މަޝްރޫއު ފެށިފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގައެވެ. މާލެ ސަރަޙައްދުން ބޭރުން މި ޚިދުމަތް އެންމެ ފުރަތަމަ ގާއިމުކުރީ ގއ. ވިލިނގިލީގައެވެ.
ރާއްޖޭގެ ރަށްތަކުގެ އިތުރުން، ގިނަ ދިވެހީން ދިރިއުޅޭ ބޭރުގެ ގައުމުތަކުގައިވެސް މި ޚިދުމަތް ގާއިމުކުރުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރަމުންނެވެ. އެގޮތުން މެލޭޝިއާގައި މިހާރުވެސް ޚިދުމަތް ދެމުން އަންނައިރު، ސްރީލަންކާ، އިންޑިއާ، އަދި އިނގިރޭސިވިލާތުގައި ޚިދުމަތް ފެށުމަށް ދަނީ ތައްޔާރުވަމުންނެވެ.
Ads by MACL
