ވަގަށް ނެގި 5 މިލިއަނެއްހާ ރުފިޔާގެ މުދާ ފުލުހުން ހޯދައިދީފި
މިދިޔަ މަހުގެ ތެރޭގައި ގެއްލިގެން ރިޕޯޓުކުރި ގާތްގަނޑަކަށް 5 މިލިއަން ރުފިޔާގެ މުދާ ފުލުހުންގެ މާލޭ ޕޮލިސް ކޮމާންޑުން ހޯދައިފި އެވެ.
ފުލުހުން ބުނީ ހޯދައިފައިވާ މުދަލުގެ ބޮޑުބަޔަކީ، ގެއްލިގެން ރިޕޯޓްކޮށްފައިވާ ސައިކަލު ކަމަށާއި، މި ސައިކަލުތަކުގެ އަގު 4.8 މިލިއަން ރުފިޔާއަށް އަރާ ކަމަށެވެ.
މާލޭގައި ސައިކަލު ވަގަށް ނެގުމުގެ މައްސަލަތައް އިތުރުވެފައިވާތީ، އެ މައްސަލަތައް ޙައްލުކުރުމަށް ފުލުހުން ބުރަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ވެސް ބުނެފައިވެ އެވެ.
Ads by BMLސައިކަލުތަކުގެ އިތުރުން، ގެއްލިގެން ރިޕޯޓްކޮށްފައިވާ 31 ފޯނާއި 12 އިލެކްޓްރޯނިކް އާލާތް ވެސް ފުލުހުން ހޯދައިދީފައިވެ އެވެ. މި ތަކެތީގެ އަގު 365،000 ރުފިޔާއަށް އަރަ އެވެ. އަދި ފައިސާ ވަގަށް ނެގުމުގެ 32 މައްސަލައެއްގައި 324،344 ރުފިޔާ ރިކަވާކޮށްދީފައިވާ ކަމަށް ވެސް ތަފާސްހިސާބުތަކުން ދައްކަ އެވެ.
ފުލުހުން ބުނީ، މާލޭގައި ހިނގާ ވައްކަމާއި، ޚާއްސަކޮށް ސައިކަލު ވަގަށް ނެގުމުގެ މައްސަލަތައް ހުއްޓުވުމަށް ބުރަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އަދި މިފަދަ ކުށްތައް ހުއްޓުވައި، ރައްޔިތުންގެ މުދާ ރައްކާތެރިކޮށް، މުޖުތަމަޢުގެ ރައްކާތެރިކަން ދެމެހެއްޓުމަށް އަބަދުވެސް މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން ދެއެވެ.
Ads by MACL
