މަތިވެރީގެ ކަރަންޓުގެ ކެޕޭސިޓީ އިތުރުކުރުމަށް 600 ކިލޯވޮޓްގެ އާ ޖެންސެޓެއް ގެންގޮސްފި
އއ. މަތިވެރީގައި ހަލުވިކަމާއެކު ކުރިއަރަމުންދާ އުމްރާނީ ތަރައްގީއާ އެކު ކަރަންޓަށް ބޭނުންވާ މިންވަރު އިތުރުވަމުންދާތީ، އެކަމަށް ހައްލެއްގެ ގޮތުން ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން 600 ކިލޯވޮޓްގެ އާ ޖެންސެޓެއް އެރަށަށް ގެންގޮސްފިއެވެ.
ސްޓެލްކޯއިން ބުނީ، މަތިވެރީގައި ހިންގާ ތަރައްގީގެ ބޮޑެތި މަޝްރޫއުތަކުގެ ސަބަބުން ކަރަންޓުގެ ޑިމާންޑް އިތުރުވެފައިވާ ކަމަށެވެ. އެހެންކަމުން، ރަށުގެ ރައްޔިތުންނާއި ހިންގާ ވިޔަފާރިތަކަށް މެދުނުކެނޑި، ފެންވަރު ރަނގަޅު ޚިދުމަތެއް ޔަގީންކޮށްދިނުމުގެ ގޮތުން މި ޖެންސެޓް ގެންދެވުނީ ކަމަށް އެ ކުންފުނިން މައުލޫމާތު ދެއެވެ.
މި ޖެނަރޭޓަރުގެ ޚިދުމަތް ދޭން ފެށުމުން މަތިވެރީގެ ކަރަންޓު ވިއުގަ އިތުރަށް ހަރުދަނާވެ، ރައްޔިތުންނަށް ލިބޭ ޚިދުމަތުގެ ފެންވަރު ރަނގަޅުވެގެންދާނެ ކަމަށް ސްޓެލްކޯއިން ގަބޫލުކުރެއެވެ. އަދި މިއީ ރަށުގެ އިގްތިސާދީ ކުރިއެރުމަށްވެސް ބާރު ލިބިގެންދާނެ ކަމެއް ކަމަށް އެ ކުންފުނިން ފާހަގަކުރެއެވެ.
Ads by BMLސްޓެލްކޯއިން ރަށްރަށުގެ ކަރަންޓުގެ ޚިދުމަތްތައް ހަރުދަނާ ކުރަމުން އަންނައިރު، މި ސަރުކާރުން ވެރިކަމާ ހަވާލުވިއިރު ރާއްޖޭގެ ގިނަ ރަށްރަށުގެ އިންޖީނުގެތައް އައު ނުކޮށް ގިނަ ދުވަސްވެފައިވާކަން ފާހަގަކޮށްލެވެއެވެ. ގިނަ ރަށްތަކަކަށް ދިމާވެފައިވާ ކަރަންޓު ކެނޑުމުގެ މައްސަލަތަކަކީ، އެތައް ޒަމާނެއްގެ އިހުމާލުގެ ސަބަބުން ކުރިމަތިވެފައިވާ ކަމެއް ކަމަށް ކަމާބެހޭ ފަރާތްތަކުން ބުނެއެވެ.
Ads by MACL
