ސައުދީއިން ރާއްޖެއަށް 11 ދާއިރާއަކުން 300 އަށްވުރެ ގިނަ ސްކޮލަޝިޕް
ސައުދީ އަރަބިއްޔާއިން ދިވެހި ދަރިވަރުންނަށް މަތީ ތައުލީމު ހާސިލުކުރުމަށް ވަރަށް ބޮޑު ފުރުސަތެއް ހުޅުވާލައި، އެ ގައުމުގެ ޔުނިވާސިޓީތަކުން 11 ދާއިރާއަކުން 300 އަށްވުރެ ގިނަ ސްކޮލަޝިޕް ލިބޭނެ ގޮތް ހަމަޖައްސައިފިއެވެ.
މާލޭގައި ހުންނަ ސައުދީ އެމްބަސީން ހާމަކުރި ގޮތުގައި، ފުރަތަމަ ޑިގްރީއަށް ކިޔެވުމަށް ހުޅުވާލާފައިވާ މި ފުރުސަތުތަކުގެ ޖުމްލަ އަދަދު 318 އަށް އަރައެވެ. މި ސްކޮލަޝިޕްތަކަށް އެދި ހުށަހެޅުމުގެ އިންތިޒާމު ހަމަޖައްސާފައިވަނީ އޮންލައިންކޮށް ވެބްސައިޓް މެދުވެރިކޮށެވެ.
މި ސްކޮލަޝިޕްތަކަކީ މިހާރުގެ ވަޒީފާގެ ބާޒާރަށް އެންމެ ގުޅުންހުރި އަދި މުހިންމު ދާއިރާތައް ހިމެނޭގޮތަށް ހުޅުވާލާފައިވާ ފުރުސަތުތަކެކެވެ. އޭގެ ތެރޭގައި ބިޒްނަސް މެނޭޖްމަންޓް، ކޮމްޕިއުޓާ ސައިންސް، އިންޖިނިއަރިން، އަދި ޤާނޫނީ ދާއިރާ ފަދަ ޕްރޮފެޝަނަލް ދާއިރާތައް ހިމެނެއެވެ. މީގެ އިތުރުން މީޑިއާ، ތައުލީމީ ދާއިރާ، އިޖްތިމާއީ ސައިންސް، އިޤްތިޞާދީ އަދި ސިޔާސީ ދިރާސާތަކުގެ އިތުރުން ދަނޑުވެރިކަމުގެ ދާއިރާއިންވެސް މަތީ ތައުލީމު ހާސިލުކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ. އަދި އިސްލާމީ ދިރާސާތަކާއި ޢަރަބި ބަހުގެ އިތުރުން އެހެނިހެން ބޭރު ބަސްތަކަށްވެސް ސްކޮލަޝިޕްތައް ހާއްސަކޮށްފައިވެއެވެ.
Ads by BMLސައުދީގައި ކިޔެވުމުގެ ފުރުސަތުގެ އިތުރުން، ރާއްޖޭގައި ހުންނަ އިމާމް ޔުނިވާސިޓީގެ ކެމްޕަހުން ހިލޭ ޑިޕްލޮމާއެއް ފުރިހަމަ ކުރުމުގެ ފުރުސަތުވެސް ސައުދީ ސަރުކާރުން ވަނީ ހުޅުވާލާފައެވެ. މި ފުރުސަތު ހާއްސަކޮށްފައިވަނީ ހަމައެކަނި ފިރިހެން ދަރިވަރުންނަށެވެ.
އެމްބަސީން ބުނީ، މިއީ ޢަރަބި ބަހަށް ދަރިވަރުން އަހުލުވެރިކުރުވުމަށް އަމާޒުކޮށްގެން ދެ އަހަރު ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ ކޯހެއް ކަމަށެވެ. މި ފުރުސަތަށް އެދި ހުށަހެޅުމަށް ދެ ހަފުތާގެ މުއްދަތެއް ލިބޭއިރު، ކޯހުގެ ކިޔެވުން އަންނަ ޑިސެމްބަރު މަހުގެ 28 ވަނަ ދުވަހު ފެށުމަށް ވަނީ ހަމަޖެހިފައެވެ.
Ads by MACL
