ރައީސް މުޢިއްޒުއަށް ރައްޔިތުންގެ ތާއީދު އޮތް މިންވަރު 14 ގެ ޖަލްސާއިން ދައްކާލާނެ: އަބުދުއްރަހީމް
ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އިން އަންނަ ހުކުރު ދުވަހުގެ ރޭ މާލޭގެ އާޓިފިޝަލް ބީޗުގައި ބާއްވާ ބޮޑު ޖަލްސާގެ މައިގަނޑު މަޤްސަދަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއާއެކު ދިވެހި ރައްޔިތުން ދެމިތިބިކަން ސާބިތުކޮށްދިނުން ކަމުގައި، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކޮންގުރެސް ޕާޓީގެ ޗެއާޕާސަން ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ.
ޖޫން 14 ގެ ޖަލްސާއަށް ތައްޔާރުވުމުގެ ގޮތުން މާލެ ސަރަހައްދުގައި ހިންގުމަށް ހަމަޖެހިފައިވާ ޚާއްސަ ހަރަކާތްތައް ފެށުމުގެ ގޮތުން ޕީއެންސީގެ ހަރުގޭގައި މިއަދު ބޭއްވި ބައްދަލުވުމަކަށްފަހު ނޫސްވެރިންނާ ވާހަކަދައްކަވަމުން ޢަބްދުއްރަޙީމް ވިދާޅުވީ، އެ ޖަލްސާއަށް ރާއްޖޭގެ އެކި ކަންކޮޅުތަކުން މީހުން އަންނަނީ ސަރުކާރުން މިހާތަނަށް ކޮށްދީފައިވާ ޚިދުމަތްތައް ބަލައިގަންނަ މިންވަރު ދައްކާލުމަށް ކަމަށެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި، އެ ޖަލްސާގައި ޕީއެންސީގެ ރައީސްގެ ޙައިސިއްޔަތުން ރައީސް މުޢިއްޒު ދެއްވާ ޚިޠާބުގައި، ރައްޔިތުންގެ އުންމީދުތައް އައުވެގެންދާނެ ފަދަ މުހިންމު އިޢުލާންތަކެއް ކުރައްވާނެއެވެ.
Ads by BML"ރައްޔިތުން އެ އަންނަނީ ކަން ހިނގާ މަގު އެނގޭތީ، މިވެރިކަން ދާ މިސްރާބު ރަނގަޅުކަމަށް ޤަބޫލުކުރެވޭތީ، އާ ރޫޙަކާއެކު އާ ދިރުމަކާއެކު އާ މުސްތަޤުބަލަކަށް އުންމީދުކޮށްގެން. ޔަޤީންކަން އެބައޮތް ޕީއެންސީ ސަރުކާރެއްގައި ރައީސް ޑރ.މުޙައްމަދު މުޢިއްޒާއެކު އެބޭފުޅުން ބޭނުންވާ ތަރައްޤީގެ މަންޒިލަށް ވާސިލުވެވޭނެކަން،" ޢަބްދުއްރަޙީމް ވިދާޅުވިއެވެ.
ރައީސް މުޢިއްޒު ވަނީ ރާއްޖޭގެ ހުރިހާ ރަށަކަށް ދަތުރުކުރައްވައި، ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ފަށްޓަވާފައިވާކަން ފާހަގަކުރައްވަމުން ޢަބްދުއްރަޙީމް ވިދާޅުވީ ފާއިތުވި ބުރާސްފަތި ދުވަހަކީ އެއްފަހަރާ އެންމެ ގިނަ މަޝްރޫޢުތައް ދިވެހި ކުންފުނިތަކާ ޙަވާލުކުރެވުނު ދުވަސްކަމަށެވެ.
އޭނާ އިތުރަށް ވިދާޅުވީ، 14 ވަނަ ދުވަހުގެ އެއްވުމަކީ ވާދަވެރި ސިޔާސީ ފިކުރުތަކަށް ރައްޔިތުން ދޭ ރައްދަކަށް ވާނެ ކަމަށާއި، އެ ޖަލްސާއިން ރާއްޖޭގެ ޙަޤީޤީ ސިފަ އާއި ރައްޔިތުންގެ ޝުޢޫރުތައް ސާފުކޮށް ފެނިގެންދާނެ ކަމަށެވެ.
Ads by MACL
