ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ޙައްޖާއި ޢުމްރާގެ ޚިދުމަތްތައް ހަރުދަނާކުރުމަށް، މިނިސްޓަރ ޝަހީމް ސަޢުދީއަށް

ޙައްޖާއި ޢުމްރާގެ ޚިދުމަތްތައް ހަރުދަނާކުރުމަށް، މިނިސްޓަރ ޝަހީމް ސަޢުދީއަށް

ދިވެހި ޙައްޖުވެރިންނާއި ޢުމްރާވެރިންނަށް ޚިދުމަތްތައް އިތުރަށް ހަރުދަނާކުރުމުގެ މަޤްޞަދުގައި، އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ސަޢުދީ ޢަރަބިއްޔާއަށް ފުރާވަޑައިގެންފިއެވެ.

މިއީ ސަޢުދީ ޢަރަބިއްޔާގެ ޙައްޖާއި ޢުމްރާއާ ބެހޭ ވަޒީރު ޑރ. ތައުފީޤު ބިން ފައުޒާން އަލްރާބިޢާގެ ޚާއްޞަ ދަޢުވަތަކަށް މިނިސްޓަރ ކުރައްވާ ރަސްމީ ދަތުރުފުޅެކެވެ.

އިސްލާމިކް މިނިސްޓްރީން މަޢުލޫމާތު ދެއްވި ގޮތުގައި، މި ދަތުރުފުޅުގެ ތެރެއިން މިނިސްޓަރ ޝަހީމް، އެ ޤައުމުގެ ޙައްޖާއި ޢުމްރާއާ ބެހޭ ވަޒީރާ ބައްދަލުކުރައްވައި، ދެ ޤައުމު ދެމެދު ޚާއްޞަ އެއްބަސްވުމެއްގައި ސޮއިކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން، ސަޢުދީން ބާއްވާ ޙައްޖު މިނިސްޓަރުންގެ ކޮންފަރެންސާއި، 5 ވަނަ ޙައްޖު އެންޑް ޢުމްރާ ކޮންފަރެންސްގެ ފެށުމުގެ ރަސްމިއްޔާތުގައި ވެސް މިނިސްޓަރ ބައިވެރިވެވަޑައިގަންނަވާނެއެވެ.

މި ދަތުރުފުޅުގައި މިނިސްޓަރ ޝަހީމްގެ އެންމެ މުހިންމު އެއް ބައްދަލުވުމަކަށް ހަމަޖެހިފައިވަނީ 'މައްކާ ރޫޓު އިނީޝިއޭޓިވް'ގެ ސުޕަވައިޒަރީ ކޮމިޓީގެ ޗެއާމަން، ލެފްޓިނެންޓް ޖެނެރަލް ސުލައިމާން ބިން ޢަބްދުލްޢަޒީޒް އަލްޔަޙްޔާ އާއެކުއެވެ. މި ބައްދަލުކުރެއްވުމުގައި ދިވެހި ޙައްޖުވެރިންނަށް މި އިނީޝިއޭޓިވްގެ ދަށުން ލިބޭނެ ލުއިފަސޭހަތަކާ ގުޅޭގޮތުން މަޝްވަރާ ކުރައްވާނެ ކަމަށް މިނިސްޓްރީން ބުނެއެވެ.

މައްކާ ރޫޓް އިނީޝިއޭޓިވްގައި ދިވެހިރާއްޖެ ހިމަނާފައިވަނީ، ސަޢުދީ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒްގެ ޚާއްޞަ އިރުޝާދުގެ ދަށުން، އެހެން ޤައުމުތަކަށް ކަނޑައަޅާފައިވާ ޝަރުޠުތަކުން ރާއްޖެ އިސްތިސްނާކޮށްގެން، 1446 ވަނަ އަހަރުގައެވެ. މިއީ ދިވެހިރާއްޖެއަށް ދެއްވި ޚާއްޞަ އިނާޔަތެކެވެ.