ބިދޭސީންގެ މައްސަލަ: "އޮޕަރޭޝަން ކުރަނގި"ގެ ދަށުން 188،000 އަށްވުރެ ގިނަ ބިދޭސީންގެ ބަޔޯމެޓްރިކްސް ނަގައިފި
ގަވާއިދާ ޚިލާފަށް ރާއްޖޭގައި ދިރިއުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ހިންގާ "އޮޕަރޭޝަން ކުރަނގި"ގެ ދަށުން މިހާތަނަށް 188,000 އަށްވުރެ ގިނަ ބިދޭސީންގެ ބަޔޯމެޓްރިކްސް ނަގާފައިވާ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔަތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ހާމަކުރައްވައިފިއެވެ.
ވަޒީރު މިކަން ހާމަކުރެއްވީ ރާއްޖޭގެ އިންސާނީ ހައްޤުތަކުގެ ހާލަތާ ގުޅޭގޮތުން ކުރިއަށްގެންދާ ޔުނިވަރސަލް ޕީރިއޮޑިކް ރިވިއު (ޔޫޕީއާރު) ގައި ވާހަކަފުޅު ދައްކަވަމުންނެވެ.
"އޮޕަރޭޝަން ކުރަނގި" އަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގައި، ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ މައުލޫމާތު އެއްކޮށް، އެފަރާތްތައް ގަވާއިދުގެ ތެރެއަށް ވެއްދުމަށް ކުރިއަށްގެންދާ މުހިންމު މަޝްރޫއެކެވެ. މި މަޝްރޫއުގެ މައިގަނޑު މަޤްޞަދަކީ ރާއްޖޭގައި ގަވާއިދާ ޚިލާފަށް ދިރިއުޅޭ ބިދޭސީ މަސައްކަތްތެރިންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމެވެ.
Ads by BMLވަޒީރު އިޙްސާން ވިދާޅުވި ގޮތުގައި، މި މަސައްކަތް މިހާރު މުޅި ރާއްޖެއަށް ފުޅާކުރަމުންދާއިރު، މީހުން ދިރިއުޅޭ ހުރިހާ ރަށްތަކެއްގެ ޑޭޓާ އެއްކުރުމަށް ލޯކަލް ކައުންސިލްތަކުގައި ވަސީލަތްތައް ޤާއިމުކުރަމުން އެބަދެއެވެ. މީގެ އިތުރުން ރިސޯޓުތަކަށް ވެސް މި މަޝްރޫއު ފުޅާކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވަޒީރު ވިދާޅުވިއެވެ. ވަޒީރު އިޙްސާން ހިއްސާ ކުރެއްވި ތަފާސްހިސާބުތަކުގައިވާ ގޮތުން، "30 އޮކްޓޯބަރ 2025 ގެ ނިޔަލަށް ޖުމްލަ 188359 ބިދޭސީންގެ ބަޔޮމެޓްރިކްސް އެއްކޮށްފައިވެއެވެ."
މި އޮޕަރޭޝަނުގެ ތެރެއިން ބިދޭސީ މަސައްކަތްތެރިންގެ އިނގިލީގެ ނިޝާން ނަގައި، އެފަރާތްތައް ވަޒީފާ އަދާކުރަނީ ރާއްޖޭގައި ހެދިފައިހުރި ޤާނޫނާއި ޤަވާއިދުގެ ދަށުންތޯ ޔަގީންކުރެވޭނެއެވެ. މިކަމަށް ބޭނުންވާ މަޢުލޫމާތު އެއްކުރަނީ ކައުންސިލް އިދާރާތަކުގައި ބަޔޯމެޓްރިކްސް ނެގުމުގެ އިންތިޒާމު ޤާއިމުކޮށްގެންނެވެ. މި މައުލޫމާތުގެ އަލީގައި، ރާއްޖޭގައި ދިރިއުޅޭ ބިދޭސީންގެ މައި ދަފްތަރެއް އެކުލަވާލެވޭނެ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު މީގެ ކުރިން ވެސް ވިދާޅުވެފައިވެއެވެ.
Ads by MACL
