ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އުފެއްދުންތެރި ޤައުމެއް ބިނާކުރެވޭނީ ދުޅަހެޔޮ ޖީލަކުން: ފަސްޓް ލޭޑީ ސާޖިދާ

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދު ---
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދު ---

އުފެއްދުންތެރި، ތަހުޒީބު ޤައުމެއް ބިނާކުރުމުގެ އަސާސަކީ ދުޅަހެޔޮ ސިއްޙަތެއްގައިވާ ރައްޔިތުން ކަމަށާއި، އެފަދަ ޖީލަކުން މެނުވީ ޤައުމަށް ހެޔޮ ކުރިއެރުންތަކެއް ނާންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.

އެކަމަނާ މިހެން ވިދާޅުވީ، ކެއުންބުއިމުގެ ނުރަނގަޅު އާދަތަކާ ގުޅޭގޮތުން ހޭލުންތެރިކަން އިތުރުކުރުމަށް ފެށި "ދުޅަހެޔޮ ދިރިއުޅުން – އުފާވެރި މުޖުތަމައު" ޤައުމީ ކެމްޕެއިން އިފްތިތާޙްކޮށްދެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ފަސްޓް ލޭޑީ ވިދާޅުވީ، ދުޅަހެޔޮ، އުފާވެރި ދިރިއުޅުމެއްގެ ތަޅުދަނޑިއަކީ ދިރިއުޅުމާއި ކެއުންބުއިމުގެ ރަނގަޅު އާދަތައް ގެންގުޅުން ކަމަށެވެ. ޤައުމެއްގެ ތަރައްޤީއާއި ކުރިއެރުން ބިނާވެފައި އޮންނަނީ އެ ޤައުމެއްގެ ރައްޔިތުންގެ ސިއްޙަތުގެ މައްޗަށް ކަމަށާއި، ތޫނުފިލި، ހުނަރުވެރި، އަދި ހީވާގި ޖީލެއް އުފެދިގެން އަންނާނީ ސިއްޙަތަށް އިސްކަންދީގެންކަން އެކަމަނާ ފާހަގަކުރެއްވިއެވެ.

އެކަމަނާގެ ވާހަކަފުޅުގައި، އިސްލާމްދީނަކީވެސް ސިއްޙަތަށް ފުރިހަމައަށް ސަމާލުކަންދިނުމަށް ބާރުއަޅާ ދީނެއްކަން ފާހަގަކުރެއްވިއެވެ. އެގޮތުން، ޤުރުއާނާއި ސުންނަތުގައި ހަލާލު ތަކެތި ކެއުމަށާއި، ކެއުމުގައި އިސްރާފުނުކޮށް މިންގަނޑެއް ގެންގުޅުމަށް އަންގަވާފައިވާކަން ހަނދާންކޮށްދެއްވިއެވެ. މުސްލިމުންގެ ގޮތުގައި ތިބެ، މި އިރުޝާދުތަކަށް ޢަމަލުކުރުމަކީ ދުޅަހެޔޮ މުޖުތަމަޢެއް ބިނާކުރުމަށް ލިބޭ އިތުރު ފަސޭހައެއް ކަމަށްވެސް ސާޖިދާ ވިދާޅުވިއެވެ.

ޤައުމީ މަސްލަހަތު ހިމެނޭ ކަންކަމުގައި ދިވެހި ރައްޔިތުން އަބަދުވެސް ދައްކަވަމުން އަންނަނީ އެކުވެރިކަމާއި އެއްބާރުލުމުގެ ރީތި ނަމޫނާއެއްކަން ފާހަގަކުރައްވައި، ފަސްޓް ލޭޑީ ވަނީ ކުރީގެ ސަރުކާރުތަކުން ހިންގެވި ޤައުމީ ކެމްޕެއިންތަކަށް ލިބުނު ތަރުހީބު ފާހަގަކުރައްވާފައެވެ. މި ސަރުކާރުން އިޢުލާންކުރެއްވި "ޖެނެރޭޝަނަލް ބޭން" އަށް ރައްޔިތުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބެމުންދާކަންވެސް އެކަމަނާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ފަސްޓް ލޭޑީ ވިދާޅުވީ، ދިވެހިންނަކީ ތަބީޢަތުގައިވެސް ހެޔޮކަންކަމަށް ފަސޭހައިން ތާއީދުކުރާ ބައެއް ކަމަށާއި، މި ކެމްޕެއިން ފެށިގެން މިދަނީ ޤައުމު އެކަމަށް ވަރަށް ބޮޑަށް ބޭނުންވެފައިވާ ދަނޑިވަޅެއްގައި ކަމަށެވެ. އެހެންކަމުން، މި ޤައުމީ ހަރަކާތުގައި މުޅި ރާއްޖެ ބައިވެރިވެ، ކާމިޔާބު ކެމްޕެއިނަކަށް ހަދައިދެއްވާނެ ކަމަށް ޔަޤީންކުރައްވާ ކަމަށްވެސް އެކަމަނާ ވިދާޅުވިއެވެ.