55 ކައުންސިލް އިދާރާ ޢިމާރާތްކުރުމުގެ މަސައްކަތް ދަނީ ބާރު ސްޕީޑްގައި: އާދަމް ޝަރީފް
ރާއްޖޭގެ އެކި ރަށްރަށުގައި ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން ހަދާ 55 ކައުންސިލް އިދާރާގެ ޢަމަލީ މަސައްކަތް ދަނީ ވަރަށް ބާރު ސްޕީޑްގައި ކަމަށާއި، އެ މަސައްކަތްތައް ގާތުން ބަލައި މޮނިޓަރކުރުމުގެ އިންތިޒާމުތައްވެސް ހަރުދަނާކުރަމުން އަންނަ ކަމަށް ސަރުކާރުން ބުނެފިއެވެ.
ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފު ޢުމަރު، މިއަދު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މި މަޝްރޫޢުތަކުގެ މަސައްކަތް ގާތުން ބެލުމަށްޓަކައި، ކޮންމެ ރަށެއްގެ ކައުންސިލް މެދުވެރިކޮށް އެރަށެއްގެ އެކި ފަރާތްތައް ހިމެނޭ ގޮތަށް ޚާއްސަ ކޮމިޓީއެއް އެކުލަވާލުމުގެ މަސައްކަތް ކުރިއަށް ދާ ކަމަށެވެ. އަދި އެފަދަ ކޮމިޓީތަކުގެ ބޭނުންތެރިކަން މިހާރުވެސް ފެންނަމުންދާކަން ވަޒީރު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، މި ޢުމްރާނީ މަސައްކަތްތަކާ ގުޅިގެން ދިމާވާ ކަންކަން ޙައްލުކުރުމަށް އެހީތެރިވުމުގެ ގޮތުން، ޚާއްސަ ހޮޓްލައިނެއްވެސް ވަނީ ޤާއިމުކޮށްފައެވެ. ވަޒީރު އާދަމް ޝަރީފުގެ ޕޯސްޓުގައިވާ ގޮތުން، 9108899 އަށް ގުޅުއްވައިގެން މަސައްކަތާ ގުޅުންހުރި ކަންކަމުގައި އެހީތެރިކަން ހޯދޭނެއެވެ.
Ads by BMLމި މަޝްރޫޢުއަކީ ރާއްޖޭގެ ކައުންސިލްތަކުގެ އިދާރީ ހިންގުން ވަރުގަދަކޮށް، ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމަށް ސަރުކާރުން ވެފައިވާ ވަޢުދެއް ފުއްދުމަށް ކުރިއަށްގެންދާ މަސައްކަތެކެވެ. މިހާރުވެސް ރާއްޖޭގެ ގިނަ ރަށްރަށުގައި މި ޢިމާރާތްތަކުގެ ބިންގާ އަޅައި، މަސައްކަތުގެ އެކި މަރުޙަލާތައް ދަނީ ކުރިއަށެވެ.
ސަރުކާރުން ފާހަގަކުރާ ގޮތުގައި، ކޮންޓްރެކްޓަރ ފައިނޭންސް އުޞޫލަކީ ދައުލަތުގެ ބަޖެޓަށް އެވަގުތު ބުރަކުރުމެއް ނެތި، މަޝްރޫޢުތައް ހަލުވިކަމާއެކު ނިންމުމަށް ލިބޭ ފުރުޞަތެކެވެ. އަދި މިއީ ރާއްޖޭގެ ރަށްރަށުގެ ތަރައްޤީއަށް ހެޔޮ ބަދަލުތަކެއް ގެނެސް، ދުރު ރާސްތާގައި އޭގެ ފައިދާ ކުރާނެ މުހިންމު މަޝްރޫޢެއްކަމަށްވެސް ސަރުކާރުން ދެކެއެވެ.
Ads by MACL
