ސިނގިރޭޓް މައްސަލާގައި ރިޔާޒުގެ ބައިވެރިވުމެއް ނެތް، މަޤާމު އިޢާދަކުރަން ރައީސަށް ލަފާދީފި
ކަސްޓަމްސްގެ ޑެޕިއުޓީ ކޮމިޝަނަރުގެ މަޤާމުން ވަކިކުރި މަހްމޫދު ރިޔާޒު، ޤަވާއިދާ ޚިލާފަށް ސިނގިރޭޓް އެތެރެކުރި މައްސަލާގައި ސީދާ ބައިވެރިވުމެއް ނެތްކަމަށް ކަނޑައަޅައި، އޭނާގެ މަޤާމު އަލުން އިޢާދަކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް ލަފާ އެރުވުމަށް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީ (241 ކޮމިޓީ) އިން ނިންމައިފިއެވެ.
241 ކޮމިޓީން މިރޭ ނެރުނު ބަޔާނެއްގައި ވިދާޅުވީ، ރިޔާޒުގެ މަޤާމު އިޢާދަކުރުމަށް ރައީސަށް ލަފާ އެރުވުމަށް ފާސްކުރީ، މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ކޮމިޓީގެ ބައްދަލުވުމުގައި ވޯޓުގައި ބައިވެރިވި މެންބަރުންގެ އަޣުލަބިއްޔަތުން ކަމަށެވެ. އަދި އެ ނިންމުން އާންމުކުރުމަށް މިރޭގެ ބައްދަލުވުމުގައި އިއްތިފާޤުން ނިންމާފައިވާ ކަމަށްވެސް އެ ބަޔާނުގައިވެއެވެ.
މަހްމޫދު ރިޔާޒު މަޤާމުން ވަކިކޮށްފައިވަނީ، ހޯކްސް ކުންފުނީގެ ތެޔޮ ބޯޓަކުން ޤަވާއިދާ ޚިލާފަށް ގިނަ އަދަދެއްގެ ސިނގިރޭޓް އެތެރެކުރި މައްސަލައަކާއި، ބޮންޑެޑް ވެއާހައުސްއަކުން ކަސްޓަމްސްއަށް ނޭނގި ސިނގިރޭޓްތަކެއް ބޭރުކުރި މައްސަލައަކާ ގުޅިގެންނެވެ. މި މައްސަލަތައް ފެންމަތިވުމާއެކު އޭނާ މަޤާމުން ވަކިކުރަން ނިންމުމުން، އެކަން ދިރާސާކުރުމަށް 241 ކޮމިޓީން ވަނީ ނިންމާފައެވެ.
Ads by BMLއެގޮތުން، ކޮމިޓީން ވަނީ އެ މައްސަލަ އިތުރަށް ދިރާސާކޮށް، ކަމާގުޅޭ މަޝްވަރާތަކަށް ފަހު، މައްސަލާގައި ރިޔާޒުގެ ސީދާ ބައިވެރިވުމެއް ނެތްކަމަށް ފާހަގަކޮށް، އޭނާގެ މަޤާމު އަލުން އިޢާދަކުރުމަށް ރައީސުލްޖުމްހޫރިއްޔާއަށް ލަފާ އެރުވުމަށް ނިންމާފައެވެ.
Ads by MACL
