ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ހުރާ ކައުންސިލް ކަޕް 2025: އަންހެން ޑިވިޝަންގެ ފައިނަލަށް ބެލިސިމޯ އަދި ފޯޓީޓޫ ގާލްސް

ހުރާ ކައުންސިލް ކަޕް 2025: އަންހެން ޑިވިޝަންގެ ފައިނަލަށް ބެލިސިމޯ އަދި ފޯޓީޓޫ ގާލްސް

މާލެ އަތޮޅު ހުރާ ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވާ ހުރާ ކައުންސިލް ކަޕް 2025 ގެ އަންހެން ޑިވިޝަންގެ ފައިނަލަށް ބެލިސިމޯ އަދި ފޯޓީޓޫ ގާލްސް ދަތުރުކޮށްފިއެވެ.

މި މުބާރާތުގައި އަންހެން ޑިވިޝަންގެ ހުރިހާ މެޗެއް ވަނީ ކުޅެ ނިމިފައެވެ. އެންމެ ފަހު މެޗަކަށް ވާދަކުރީ ބެލިސިމޯ އަދި ފޯޓީޓޫ ގާލްސް އެވެ. މިމެޗަށް ނިކުތުމުގެ ކުރިންވެސް ފޯޓީޓޫ ގާލްސްއަށް ވަނީ މި މުބާރާތުގެ ފައިނަލުގެ ޖާގައެއް ކަށަވަރު ވެފައެވެ. އެެހެން ނަމަވެސް މިރޭގެ މެޗުން ބެލިސިމޯ 3 ގޯލުގެ ފަރަގުން ބަލިވެއްޖެ ކަމަށްވާނަމަ ފައިނަލުގެ އަނެއް ޖާގަ ކަށަވަރު ވަނީ ބިއުޓީސް އަށެވެ. މި މުބާރާތުގައި އަންހެން ޑިވިޝަންގެ ގިނަ މެޗު ތަކެއް ނިމުނީ އެއްވަރު ވެގެންނެވެ.

މިރޭ ކުޅުނު މެޗު ބެލިސިމޯއިން ކާމިޔާބު ކުރީ 1-0 ގެ ނަތީއްޖާއަކުންނެވެ. މި މެޗުގައި ފެނުނު ހަމައެކަނި ގޯލް މެޗުގެ 6 ވަނަ މިނުޓުގައި ކާމިޔާބު ކޮށްދިނީ އައިޝަތު ޔަޝްފީން އެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ބެލިސިމޯގެ ޖާޒީ ނަންބަރު 12 މަރިޔަމް ވިޝާޔާ އެވެ.

ސެމީ ފައިނަލްގައި ވޯރިއާސް ވާދަކުރަން ޖެހޭނީ ގްރޫޕު ބީ ދެވަނަ ޖޯކާސް އާއިއެވެ. އަދި ބަދަވީން ވާދަ ކުރަން ޖެހޭނީ ގްރޫޕު ބީގެ އެއްވަނަ ތްރީޑީ ސްޕޯޓްސް ކުލަބާއިއެވެ.

ދެ ޖިންސަށް ހުޅުވާލައިގެން ބާއްވާ މި މުބާރާތުގައި ޖުމްލަ 14 ޓީމަކުން ވަނީ ބައިވެރިވެފައެވެ. އެއީ ފިރިހެން 11 ޓީމާއި އަންހެން 3 ޓީމެވެ.

މުބާރާތުގައި ބައިވެރިވި ފިރިހެން ޓީމްތަކަކީ ޓީމް ޖޯކާސް، އެފްސީ ބަދަވީން، ސިނަމަން ދޮންވެލި އެފްސީ، ވޭރިއަސް އެފްސީ، ބްލޫޒް އެސްސީ، ފޯޓީޓޫ އެކްސެލް، ބްލަޑް ޖޫނިއާރސް، ޓީމް ރިވަލްސް، ތްރީޑީ ސްޕޯޓްސް ކުލަބު، ފޯޓީޓޫ، އަދި ތްރީޑީ ކިންގްސް އެވެ.

އަންހެން ޓީމްތަކަކީ ފޯޓީޓޫ ގާލްސް، ބިއުޓީސް، އަދި ބެލިސިމޯއެވެ.

އަންހެން ޑިވިޝަން އެއްގުރޫޕެއްގައި ހިމެނުނު އިރު ފިރިހެން ޑިވިޝަން ކުރިއަށްދާނީ 2 ގުްރޫޕަކަށް ބަހަލައިގެންނެވެ.

މިއީ މާލެ އަތޮޅުގައި ބާއްވާ އެންމެ އަގުބޮޑު އެއް މުބާރާތެވެ. މި މުބާރާތުގެ ފިރިހެން ޗެމްޕިއަން ޓީމަށް އެއްލައްކަ ރުފިޔާގެ ފައިސާގެ އިނާމެއް ހުށައަޅާފައިވާއިރު ރަނަރަޕް ޓީމަށް ތިރީސް ހާސް ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ހުށައަޅާފައެވެ.

އަންހެން ޑިވިޝަންގެ ޗެމްޕިއަންޓީމަށް ތިރީސް ހާސް ރުފިޔާގެ ފައިސާގެ އިނާމެއް ހުށައަޅާފައިވާއިރު، ރަނަރަޕް ޓީމަށް ވަނީ ފަނަރަ ހާސް ރުފިޔާގެ ފައިސާގެ އިނާމެއް ހުށައަޅާފައެވެ.