ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އެހެން ގައުމުތަކަށް ދޫކޮށްފައިވާ ހައްޖު ކޯޓާގެ ތެރެއިން ބޭނުންނުކުރާ ކޯޓާތައް ރާއްޖެއަށް ލިބޭނެ މަގެއް ހޯދަނީ

އުމުތަކުން ބޭނުން ނުކުރާ ހައްޖު ކޯޓާއިން ބައެއް ރާއްޖެއަށް ހޯދަން މަޝްވަރާކޮށްފި

އިސްލާމިކް މިނިސްޓަރު ޝަހީމާއި ސައުދީގެ ހައްޖު މިނިސްޓަރު ޑރ.ތަވްފީގް ބިން ފައުޒާން އަލް ރަބީއާ އާ ބައްދަލު ކުރައްވަނީ: ފޮޓޯ: އިސްލާމިކް މިނިސްޓްރީ
އުމުތަކުން ބޭނުން ނުކުރާ ހައްޖު ކޯޓާއިން ބައެއް ރާއްޖެއަށް ހޯދަން މަޝްވަރާކޮށްފި އިސްލާމިކް މިނިސްޓަރު ޝަހީމާއި ސައުދީގެ ހައްޖު މިނިސްޓަރު ޑރ.ތަވްފީގް ބިން ފައުޒާން އަލް ރަބީއާ އާ ބައްދަލު ކުރައްވަނީ: ފޮޓޯ: އިސްލާމިކް މިނިސްޓްރީ

އެހެން ގައުމުތަކަށް ދޫކޮށްފައިވާ ހައްޖު ކޯޓާގެ ތެރެއިން ބޭނުންނުކުރާ ކޯޓާތައް ރާއްޖެއަށް ލިބޭނެ މަގެއް ހޯދަން ރާއްޖެއިން މަޝްވަރާކޮށްފިއެވެ.

މިކަމާ ގުޅޭގޮތުން އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ސައުދީ ސަރުކާރާއެކު މިއަދު ވަނީ މަޝްވަރާ ކުރައްވާފައެވެ. މަޝްވަރާގައި މައިގަނޑު ގޮތެއްގައި ބެލިފައިވަނީ، އެހެން ގައުމުތަކަށް ދޫކޮށްފައިވާ ހައްޖު ކޯޓާގެ ތެރެއިން ބޭނުންނުކުރާ ކޯޓާތައް ރާއްޖެއަށް ލިބޭނެ މަގެއް ހޯދުމަށެވެ.

މިނިސްޓަރު ޝަހީމް ސައުދީއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅެއްގައި ކުރެވުނު މި މަޝްވަރާތަކާ ގުޅޭގޮތުން ވިދާޅުވީ، ކޮންމެ ގައުމަކަށް ވެސް ހައްޖު ކޯޓާއެއް ކަނޑައަޅާފައިވީ ނަމަވެސް، އިތުރު ކޯޓާ ދޫކުރުން މިހާރު ހުއްޓާލާފައިވާ ކަމަށެވެ. ނަމަވެސް، ބައެއް ގައުމުތަކުން އެ ގައުމުތަކަށް ދޫކޮށްފައިވާ ކޯޓާ ފުރިހަމައަށް ބޭނުންނުކުރާ ހާލަތްތަކުގައި، އެހެން ގައުމުތަކަށް އެ ކޯޓާތައް ބޭނުންކުރުމުގެ އުސޫލެއް ސައުދީން ގެންގުޅޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ޝަހީމް އިތުރަށް ވިދާޅުވީ، ސައުދީ ސަރުކާރުން ހައްޖާ ގުޅޭގޮތުން ހިންގާ "ހައްޖު މުބާޝިރު އިނިޝިއޭޓިވް" ގެ ދަށުން، އެހެން ގައުމުތަކުން ބޭނުންނުކުރާ ކޯޓާތަކުން ރާއްޖެއަށް ފުރުސަތު ހޯދުމަށް މިއަދު މަޝްވަރާ ކުރެވިފައިވާ ކަމަށެވެ.

ރާއްޖެއަށް މިހާރު ލިބެނީ 1,000 މީހުންގެ ހައްޖު ކޯޓާއެކެވެ. ނަމަވެސް މި އަދަދު އިތުރުކުރުމަށް ސަރުކާރުން މީގެ ކުރިން ވެސް އެދިފައިވާކަން ފާހަގަކޮށްލެވެއެވެ. ޖާގައިގެ ދަތިކަމާއި ހައްޖަށް ދިއުމަށް ބޭނުންވާ މީހުންގެ އަދަދު ގިނަވުމުން، ކޯޓާ އިތުރުކުރުމަކީ ރާއްޖޭގެ ގިނަ ބަޔަކު އިންތިޒާރު ކުރާ ކަމެކެވެ.