އަމިއްލަ ކޮލެޖުތަކަށް ޔުނިވަރސިޓީގެ ދަރަޖައަށް ދެވޭނެ ގޮތް ފަހިކޮށް، ޤާނޫނު ތަސްދީޤުކޮށްފި
ރާއްޖޭގައި ހިންގާ އަމިއްލަ ކޮލެޖުތަކަށް ޔުނިވަރސިޓީގެ ދަރަޖަ ހޯދުމަށް މިހާރަށްވުރެ ބޮޑަށް މަގުފަހިކޮށްދިނުމުގެ ގޮތުން، "ދިވެހިރާއްޖޭގެ މަތީ ތަޢުލީމާއި ތަމްރީނުގެ ޤާނޫނު" އަށް ގެނައި އިޞްލާޙު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު ތަސްދީޤުކުރައްވައިފިއެވެ.
މި އިޞްލާޙުގެ މައިގަނޑު ބޭނުމަކީ ރާއްޖޭގެ މަތީ ތަޢުލީމުގެ ދާއިރާ ފުޅާކޮށް، ޤާބިލުކަން ހުރި ފަރާތްތަކަށް ޔުނިވަރސިޓީ ފެންވަރުގެ ޚިދުމަތް ދިނުމުގެ ފުރުޞަތު ހުޅުވާލުމެވެ.
ރައްޔިތުންގެ މަޖިލީހުގެ ފަހުގެ ޖަލްސާއެއްގައި ފާސްކުރެއްވި މި ބިލު ތަސްދީޤުކުރެއްވުމާ ގުޅިގެން، ޤާނޫނުގައި ކުރިން ކަނޑައަޅާފައިވާ ބައެއް ޝަރުތުތަކަށް ވަނީ ބޮޑެތި ލުއިތަކެއް ދީފައެވެ. އާ ޤާނޫނުގެ ދަށުން، ކޮލެޖެއް ޔުނިވަރސިޓީއަކަށް ބަދަލުކުރުމަށް އެދެވޭނީ، އެ މަރުކަޒަކީ ރާއްޖޭގައި މެދުނުކެނޑި ކޮލެޖެއްގެ ގޮތުގައި 15 އަހަރު ހިންގާފައިވާ، ނުވަތަ ބޭރު ޤައުމެއްގެ ޔުނިވަރސިޓީއެއްގެ ގޮތުގައި ރާއްޖޭގައި 10 އަހަރު ހިންގާފައިވާ ތަނަކަށް ވާނަމައެވެ.
Ads by BMLމީގެ އިތުރުން، ޔުނިވަރސިޓީއެއްގެ ދަރަޖަ ހޯދުމަށް އެދޭ ކޮލެޖުތަކުން ފުރިހަމަކުރަންޖެހޭ މައިގަނޑު ޝަރުތުތަކުގެ ތެރޭގައި އަންނަނިވި ކަންކަން ހިމެނެއެވެ:
-
ޕްރޮގްރާމްތައް: ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 އަދި 9 ގެ، މަދުވެގެން 3 ދާއިރާއަކުން އަމިއްލަ ނުވަތަ ބޭރުގެ ޔުނިވަރސިޓީއެއްގެ ޕްރޮގްރާމްތައް ހިންގުން.
-
ދަރިވަރުންގެ ޢަދަދު: ލެވެލް 7 އިން މަތީގެ ކޯސްތަކުގައި މަދުވެގެން 1000 ދަރިވަރުން ކިޔަވަމުންދިއުން.
-
ބައިނަލްއަޤްވާމީ ގުޅުން: ބައިނަލްއަޤްވާމީ ޔުނިވަރސިޓީ ރޭންކިންގއެއްގައި ހިމެނުމާއި، ބައިނަލްއަޤްވާމީ ޔުނިވަރސިޓީތަކުގެ ޖަމާޢަތެއްގެ އަދި ކޮލިޓީ އެޝުއަރަންސް ޖަމާޢަތެއްގެ މެންބަރެއްގެ ގޮތުގައި މަދުވެގެން 5 އަހަރު ހޭދަކޮށްފައިވުން.
-
ތަޖުރިބާ: ބައިނަލްއަޤްވާމީ ފެންވަރުގެ ދިރާސާ މަސައްކަތްތައް ހިންގުމުގެ ތަޖުރިބާ ލިބިފައިވުން.
-
މުވައްޒަފުން: ކިޔަވައިދޭ އެކަޑެމިކް މުވައްޒަފުންގެ މަދުވެގެން 10 އިންސައްތައަކީ ޕީއެޗްޑީ ހާސިލުކޮށްފައިވާ މުވައްޒަފުންނަށްވުން.
-
ވަސީލަތްތައް: މިނިސްޓްރީން ކަނޑައަޅާ މިންގަނޑުތަކަށް ފެތޭ، ޒަމާނީ ވަސީލަތްތައް ޤާއިމުކޮށްފައި ހުރުން.
ރައީސުލްޖުމްހޫރިއްޔާ މި ބިލު ތަސްދީޤުކުރެއްވުމާ ގުޅިގެން، މި ޤާނޫނު ވަނީ ދިވެހިރާއްޖޭގެ ގެޒެޓުގައި ޝާއިޢުކޮށް، ޢަމަލުކުރަން ފަށާފައެވެ.
Ads by MACL
