ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ރަސްމީކޮށް ހުޅުވައިފި: އުތުރުގެ އިގްތިސާދަށް ބޮޑު ކުރިއެރުމެއް!

މޯލްޑިވިއަންގެ A-320 މަރުކާގެ މަތިންދާ ބޯޓެއް ވަނީ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގައި ފުރަތަމަ ފަހަރަށް ޖައްސާފަ -- ފޮޓޯ: ރައީސްއޮފީސް
މޯލްޑިވިއަންގެ A-320 މަރުކާގެ މަތިންދާ ބޯޓެއް ވަނީ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގައި ފުރަތަމަ ފަހަރަށް ޖައްސާފަ -- ފޮޓޯ: ރައީސްއޮފީސް

ރާއްޖޭގެ އުތުރަށް ބޮޑު ކުރިއެރުމެއް ގެނެސްދޭނެ ކަމަށް ބެލެވޭ ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް، ބުރާސްފަތި ދުވަހުގެ ރޭ ރަސްމީކޮށް ހުޅުވައިފިއެވެ. މި އެއާޕޯޓް ހުޅުވުމާއެކު އުތުރުގެ ރަށްތަކަށް ފަތުރުވެރިކަމާއި ވިޔަފާރީގެ ގޮތުން އިންގިލާބީ ބަދަލުތަކެއް އަންނާނެ ކަމަށް ސަރުކާރުން ލަފާކުރެއެވެ.

މި ބޮޑު މަޝްރޫޢުގެ ދަށުން ތަރައްޤީކުރެވުނު އާ ރަންވޭއާއި ޓާމިނަލް ހުޅުވައިދެއްވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރާ މޯދީގެ ޚާއްސަ މަންދޫބު އަދި އިންޑިއާގެ ސިވިލް އޭވިއޭޝަން މިނިސްޓަރު ޝްރީ ކިންޖަރަފު ރާމު މޯހަން ނައިޑޫއެވެ. މިއީ ރާއްޖޭގެ އުތުރުގައި މިހާތަނަށް ހިންގުނު އެންމެ ބޮޑު މަޝްރޫޢުކަން ފާހަގަކޮށްލެވެއެވެ.

އެއާޕޯޓް ރަސްމީކޮށް ހުޅުވުމުގެ ރަސްމިއްޔާތުގެ ކުރިން، މޯލްޑިވިއަންގެ A-320 މަރުކާގެ މަތިންދާ ބޯޓެއް ވަނީ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގައި ފުރަތަމަ ފަހަރަށް ޖައްސާފައެވެ.

ހަނިމާދޫ އެއާޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން އާ ރަންވޭއެއް އެޅިފައިވާއިރު، އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ޚިދުމަތް ދެވޭނެ ޖާގައިގެ ޓާމިނަލެއްވެސް ވަނީ އިމާރާތްކޮށްފައެވެ. މި ޓާމިނަލަކީ ދިވެހި ކަނޑުތަކުގެ ދިރުންތަކުގެ މައްޗަށް ޚާއްސަކޮށް މަޑިއެއް ސިފަވާހެން ފަރުމާކޮށްފައިވާ އެއްޗެކެވެ.

މި އެއާޕޯޓަކީ 2،465 މީޓަރުގެ ރަންވޭއެއްގެ އިތުރުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ފިޔަވާ އެއިރޯ ބްރިޖް ހަރުކޮށްފައިވާ ހަމައެކަނި އެއާޕޯޓެވެ.

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްޤީކޮށްފައިވަނީ އިންޑިއާގެ ކަލްޕަތަރު ޕްރޮޖެކްޓްސްއިންނެވެ. މި މަޝްރޫޢަށް އިންޑިއާގެ އެގްޒިމް ބޭންކުން ދިން 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން 136 މިލިއަން ޑޮލަރު (ދެ ބިލިއަން ރުފިޔާ) ހަރަދުކުރެއެވެ.

މި އެއާޕޯޓްގެ ސަބަބުން މެދުއިރުމައްޗާއި، ދެކުނު އޭޝިއާއާއި، ދެކުނު އިރުމަތީ އޭޝިއާއާއި އިރުމަތީ އެފްރިކާގެ ގައުމުތަކުން ސީދާ ފްލައިޓްތައް ހަނިމާދޫ އަށް އޮޕަރޭޓް ކުރުމުގެ ޤާބިލުކަން ލިބިގެންދާނެއެވެ. އަދި ބައިނަލްއަޤްވާމީ ދަތުރުތަކުގައި ބޭނުންކުރާ އެއާބަސް A320 އާއި ބޯއިންގ 737 މަރުކާގެ ބޯޓުފަހަރަށް ހަނިމާދޫ އެއާޕޯޓުން ޚިދުމަތް ދެވިގެން ދާނެއެވެ.

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ރަސްމީކޮށް ހުޅުވައި، އެމްއޭސީއެލް އިން އެއާޕޯޓާ ހަވާލުވުމާއެކު، އެއާޕޯޓުގައި މިހާރު ބޭނުންކުރަމުން އަންނަ ޓާމިނަލްގެ އޮޕަރޭޝަންސްތައް ވަނީ އާ ޓާމިނަލަށް ބަދަލުކޮށްފައެވެ.