ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ޞިއްޙީ ދާއިރާއަށް އިންގިލާބީ ބަދަލެއް: ޒަމާނީ ޤައުމީ ލެބޯޓަރީއެއް އެޅުމަށް ސޮއިކޮށްފި

ޤައުމީ ޞިއްޙީ ލެބޯރޓަރީ އެޅުމުގެ މަސައްކަތް، ޖަރުމަނުގެ ކުންފުންޏެއް ކަމަށްވާ ޖީޓެކް ކޮންސަލްޓިން ގްރޫޕާ ހަވާލުކުރުން ---
ޤައުމީ ޞިއްޙީ ލެބޯރޓަރީ އެޅުމުގެ މަސައްކަތް، ޖަރުމަނުގެ ކުންފުންޏެއް ކަމަށްވާ ޖީޓެކް ކޮންސަލްޓިން ގްރޫޕާ ހަވާލުކުރުން ---

ރާއްޖޭގެ ޢާންމު ޞިއްޙަތު ރައްކާތެރިކުރުމާއި ބަލިތައް ދެނެގަތުމުގެ ނިޒާމަށް އިންގިލާބީ ބަދަލެއް ގެނެސްދޭނެ ފިޔަވަޅެއްގެ ގޮތުން، ޒަމާނީ ފެންވަރުގެ ޤައުމީ ޞިއްޙީ ލެބޯޓަރީއެއް ޤާއިމުކުރުމަށްޓަކައި، ޖަރުމަނުވިލާތުގެ "ޖީޓެކް ކޮންސަލްޓިން ގްރޫޕް" އާއެކު ސަރުކާރުން މިއަދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގެ ދަށުން، ލެބޯޓަރީގެ ފީސިބިލިޓީ ދިރާސާކޮށް، ޑިޒައިން ކުރުމުގެ އިތުރުން ޢިމާރާތް އެޅުމުގެ ޢަމަލީ މަސައްކަތްވެސް އެކުންފުނިން ކުރާނެއެވެ.

ހެލްތު މިނިސްޓްރީގައި މިއަދު ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި، މި މަޝްރޫޢުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ ޚަދީޖާ ޢަބްދުއްޞަމަދު ޢަބްދުﷲ އެވެ. ޖީޓެކްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑިރެކްޓަރ ހެލްތު އެންޑް ސޯޝަލް އިންފްރާސްޓްރަކްޗަރ، ކްރިސްޓީނާ ޖެންޓްރާ އެވެ.

މި މަޝްރޫޢުގެ ދަށުން ޤާއިމުކުރެވޭނީ 12 ބުރީގެ ޒަމާނީ ޢިމާރާތެކެވެ. މީގެތެރޭގައި، ބައިއޮސޭފްޓީ ލެވެލް 3 (BSL-3) ގެ މަތީ ދަރަޖައިގެ ވަސީލަތްތަކާއެކު މަސައްކަތްކުރެވޭ ލެބްތައް ހިމެނޭނެއެވެ.

ހެލްތު މިނިސްޓްރީން ވިދާޅުވާ ގޮތުގައި، މި ލެބޯޓަރީ ޤާއިމުވުމުން ރާއްޖޭގެ ބަލިތައް ދެނެގަތުމުގެ ޤާބިލުކަން އިތުރުވެ، އެންމެ ޒަމާނީ ވައިރޮލޮޖީ، ބެކްޓީރިއޮލޮޖީ، ޕެރަސައިޓޮލޮޖީ އަދި މޮލިކިއުލާ ޑައިގްނޯސްޓިކްސްގެ ޚިދުމަތްތައް އެއް ފުރާޅެއްގެ ދަށުން ލިބިގެންދާނެއެވެ. މިއީ ގައިންގަޔަށް އަރާ ބަލިތައް އަވަހަށް އަދި އިތުބާރާއެކު ދެނެގަތުމަށް ލިބިގެންދާނެ ވަރަށް ބޮޑު ކުރިއެރުމެކެވެ.