ހަނިމާދޫ އެއާޕޯޓުގެ 72 އިންސައްތަ މަސައްކަތް ނިންމީ މި ސަރުކާރުން: އެމްއޭސީއެލް
ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއުގެ 72 އިންސައްތަ މަސައްކަތް ފުރިހަމަކޮށްފައިވަނީ ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ސަރުކާރުން ކަމަށް އެއާޕޯޓު ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނެފިއެވެ.
އެ ކުންފުނީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް ވިދާޅުވީ، މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު ނިމިފައި އޮތީ މަޝްރޫއުގެ އެންމެ 28 އިންސައްތަ ކަމަށެވެ.
އާ ހަނިމާދޫ އެއާޕޯޓު ރަސްމީކޮށް ހުޅުވުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޝަރީފް ފާހަގަކުރެއްވި ގޮތުގައި، މަޝްރޫއުގެ ބާކީ އޮތް ބޮޑު ބައި ނިންމައި، މި ހިސާބަށް ގެނެސްފައިވަނީ ރައީސް މުއިއްޒުގެ ސަރުކާރުގެ ހިންގުންތެރިކަމުގެ ތެރެއިންނެވެ.
Ads by BMLމި ބިޔަ މަޝްރޫއު ހަގީގަތަކަށް ހެދުމުގައި ބުރަ މަސައްކަތްތަކެއް ކުރި މުޅި ޓީމަށް ޝަރީފް ޝުކުރު އަދާކުރެއްވިއެވެ. އޭނާ ވިދާޅުވީ، "ކުނި ކަހާ މީހާއިން ފެށިގެން، ރެއާ ދުވާލު ގަދައަވީގައި، ވެހޭހާ ވާރޭގައި" މަސައްކަތްކުރި ކޮންމެ މުވައްޒަފަކާއި، އޭނާއާ އެކު އިސްވެ ހުންނަވައިގެން މަސައްކަތް ކުރެއްވި ދެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުންގެ ހިއްސާ މިކަމުގައި ވަރަށް ބޮޑު ކަމަށެވެ.
މުސްތަގުބަލަށް ބައްލަވާލައްވަމުން ޝަރީފް ވިދާޅުވީ، ރޭވިފައިވާ ގޮތަށް އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ހިދުމަތްދޭ ދުވަސް މާ ދުރު ނޫން ކަމަށެވެ. އޭނާ ސިފަކުރެއްވި ގޮތުގައި، މިއީ ހަމައެކަނި ވައިގެ ބަނދަރެއް ނޫން ކަމަށާއި، މިއީ "ބޮޑު ތިލަދުންމަތި އުތުރުން ދިއްލާލެވުނު އިގްތިސާދީ ދަންމަރެއް" ކަމަށެވެ.
"މިއީ ކާބަފައިން ވި ވައުދެއް. މިއީ އެތައް ސަތޭކަ އަހަރުވީ ގަދީމީ ހުވަފެނެއް ހަގީގަތަކަށްވުން. އަދި މިއީ މުސްތަގުބަލަށް ހުޅުވުނު ދޮރެއް،" ޝަރީފް ވިދާޅުވިއެވެ.
Ads by MACL
