ބީއެމްއެލް އިން ބޭރުގައި ކާޑު ބޭނުންކުރެވޭ ލިމިޓަށް ބޮޑު ބަދަލެއް!
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ރާއްޖެއިން ބޭރުގައި ކާޑު ބޭނުންކުރެވޭ ލިމިޓް އިތުރުކޮށްފި އެވެ. މި ބަދަލާއެކު، ކާޑު މެޝިނުން ކުރާ މުޢާމަލާތްތަކަށް މަހަކު 1,000 ޑޮލަރަށް ލިމިޓް ވަނީ ބޮޑުކުރެވިފައެވެ. އަދި ޚާއްސަކޮށް ބޭސްފަރުވާގެ ބޭނުމަށާއި ދަތުރުފަތުރުގެ ބޭނުމަށް ބޭރުގައި ޚަރަދުކުރެވޭ މިންވަރު މަހަކު 3,000 ޑޮލަރަށް އިތުރުކޮށްފައިވާކަމަށް ބީއެމްއެލް އިން މިއަދު ބުނެ އެވެ.
މި އާ ލިމިޓްތައް މާދަމާ (ނޮވެމްބަރު 11) އިން ފެށިގެން އެއްވެސް އެޕްލިކޭޝަނަކާ ނުލައި ކަސްޓަމަރުންނަށް ބޭނުންކުރަން ފެށޭނެ ކަމަށް ބޭންކުން ވަނީ ހާމަކޮށްފައެވެ.
ބީއެމްއެލް އިން ބުނީ، މި ފިޔަވަޅަކީ ބޭންކުގެ ޚިދުމަތް ހޯދާ ފަރުދުންނާއި ވިޔަފާރިތަކަށް ވެސް އަމާޒުކޮށްފައިވާ ފިޔަވަޅެއް ކަމަށެވެ. ގައުމީ ޚިދުމަތުގައި 43 އަހަރު ހޭދަކޮށްފައިވާ ބީއެމްއެލް އަކީ، ހުރިހާ ދާއިރާއެއްގެ ދިވެހިންނަށް އެހީތެރިވެ، ރާއްޖޭގެ ވިޔަފާރިތައް ހަރުދަނާކުރުމަށް ބޮޑު އިސްކަމެއް ދޭ ތަނެއްކަން މި ފިޔަވަޅުތަކުން ދައްކުވައިދޭ ކަމަށް ބޭންކުން ފާހަގަކުރެއެވެ.
Ads by BMLމިދިޔަ ސެޕްޓެމްބަރ މަހުގެ 22 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ނޮވެމްބަރު 11 އިން ފެށިގެން ބޭންކް އޮފް މޯލްޑިވްސްގެ ޑެބިޓް ކާޑު ބޭނުންކޮށްގެން ބޭރު ގައުމުތަކުގައި ވިޔަފާރި ކުރެވޭ އަދަދު އިތުރުކުރެވޭނެ ކަމަށް ވިދާޅުވެފައެވެ.
އެމަނިކުފާނު ވިދާޅުވީ، "މިކަންކަމުގެ ސަބަބުން އަގުބޮޑުކޮށް ބްލެކް މާކެޓުން ޑޮލަރު ގަނެގެން މި ކުރަން ޖެހޭ ކަންތައްތައް. މި އަޅުވެތިކަމުން އިރާދަކުރެއްވިއްޔާ ރައްޔިތުން އަރައިގަތުމަށް އެޅޭ މުހިންމު ފިޔަވަޅުތަކަކަށް ވާނެ،" ކަމަށެވެ.
މި ބަދަލަކީ ރައްޔިތުންނަށް ދިމާވެފައިވާ ޑޮލަރުގެ ދަތިކަމަށް ހައްލެއް ހޯދުމަށް ސަރުކާރުން އަޅާ މުހިންމު ފިޔަވަޅެއް ކަމަށް ބެލެވެއެވެ.
Ads by MACL
