ވީއައިއޭ ޑޮލަރު ފޭރުމުގެ މައްސަލަ: އިތުރު ތިން މީހަކު ހައްޔަރުކޮށް، ހަތަރު މީހަކު ފުރުން މަނާކޮށްފި
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން (ވީއައިއޭ) ޑޮލަރު ފޭރުނު މައްސަލައާ ގުޅިގެން ފުލުހުންގެ ތަހުގީގަށް ކުރިއެރުންތަކެއް ލިބިއްޖެއެވެ. މި މައްސަލައިގައި އިތުރު ތިން މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން މިއަދު ހާމަކުރިއިރު، މައްސަލައާ ގުޅިގެން މިހާތަނަށް ހަތަރު މީހެއްގެ ރާއްޖެއިން ބޭރަށް ފުރުން ވަނީ މަނާކޮށްފައެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، މިދިޔަ މަހުގެ 27 ވަނަ ދުވަހުގެ ރޭ ފަތިހު ހިންގި މި ފޭރުމުގެ އަމަލާ ގުޅިގެން ހައްޔަރުކުރެވުނު ތިން މީހުންނަކީ:
-
ގއ. ވިލިނގިލި، ބިނާ، 27 އަހަރުގެ އަބްދުލްއައްވަލް އިބްރާހިމް އަބޫބަކުރު (ހައްޔަރުކުރީ މިދިޔަ ހަފުތާގެ އާދީއްތަ ދުވަހު)
Ads by BML -
ތ. ވިލުފުށި، އެހީވާގެ، 44 އަހަރުގެ އަހުމަދު މާހިދު (ހައްޔަރުކުރީ މިދިޔަ އަންގާރަ ދުވަހު)
-
ސ. ހިތަދޫ، ވަށަގުލިމާގެ، 21 އަހަރުގެ އަލީ އަފްޒަލް (ހައްޔަރުކުރީ މިދިޔަ ބުދަ ދުވަހު)
މި ތިން މީހުން ކޯޓަށް ހާޒިރުކުރުމުން، ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ވަނީ އަމުރުކޮށްފައެވެ. މީގެ ކުރިން މި ހާދިސާ ހިނގި ދުވަހު ހައްޔަރުކުރި ހަތަރު މީހުންނާއެކު، މިހާރު މި މައްސަލައިގެ ތުހުމަތުގައި ފުލުހުންގެ ބަންދުގައި ޖުމްލަ ހަތް މީހުން އެބަތިއްބެވެ. އެ އެންމެން ވެސް ތިބީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައެވެ.
ފޭރުނު މީހުންނަކީ:
-
ލ. މާވަށް ރޭޝަމް، މާޒިން މޫސާ
-
މ. ކޯރަސް، އަހުމަދު ރައިހާން ނައީމް
-
ކ. ގުރައިދޫ އަޅިވިލާގެ، އިބްރާހިމް އަނޫފް
-
ކ. ގުރައިދޫ އަޅިވިލާގެ، ހުސައިން ޝަހުދު
މި ފޭރުމުގެ އަމަލުގައި ވީއައިއޭއިން ފުރާ ދިވެހިންނަށް ދޫކުރަން ގެންދިޔަ 130،000 ޑޮލަރު (ދެ މިލިއަނަށް ވުރެ ގިނަ ރުފިޔާ) އަޅާފައި ހުރި ސޫޓްކޭސް ފޭރުނީ، އެ ފައިސާ ހިފައިގެން ޓާމިނަލަށް ވަންނަން އުޅުނު ދެ މުވައްޒަފަށް ބިރު ދެއްކުމަށް ފަހުއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް އިތުރަށް ވިދާޅުވީ، މި މައްސަލައާ ގުޅިގެން މިހާތަނަށް ހަތަރު މީހަކު ރާއްޖެއިން ބޭރަށް ފުރުން މަނާކޮށްފައިވާ ކަމަށެވެ. ތަހުގީގުގެ ތެރެއިން ފަސް އުޅަނދެއް ބަލައިފާސްކޮށްފައިވާއިރު، މާލެއާއި އިތުރު ރަށްތައް ހިމެނޭހެން ޖުމްލަ 20 ތަނެއް ވަނީ ބަލާފައިކަމަށް ވެސް އޮފިޝަލް ވިދާޅުވިއެވެ.
Ads by MACL
