ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ޖުމްހޫރީ ދުވަހުގެ ޚާއްސަ ޖަލްސާ މާދަމާ: 97 ބޭފުޅަކަށް ދައުލަތުގެ ޚިދުމަތުގެ އިނާމު!

ޖުމްހޫރީ ދުވަހުގެ ޚާއްސަ ޖަލްސާ މާދަމާ: 97 ބޭފުޅަކަށް ދައުލަތުގެ ޚިދުމަތުގެ އިނާމު!

މިއަހަރުގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބާއްވާ ރަސްމީ ޖަލްސާ މާދަމާ ހެނދުނު 8:30 ގައި ސޯޝަލް ސެންޓަރުގައި އޮންނާނެއެވެ.

މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ޚާއްސަ އިނާމު ދެއްވާނެއެވެ. މީގެ އިތުރުން ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމުވެސް މި ޖަލްސާގައި ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މި ޖަލްސާގައި 97 ބޭފުޅަކަށް ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމު ލިބިވަޑައިގަންނަވާނެއެވެ. މި ބޭފުޅުންނަކީ 35 އަހަރާއި 39 އަހަރާ ދެމެދުގެ މުއްދަތަކަށް ދައުލަތަށް ޚިދުމަތް ކުރައްވާފައިވާ ބޭފުޅުންނެވެ. މި އިނާމަށް ބޭފުޅުން ހޮވުއްވީ ޤައުމީ އިނާމާބެހޭ ކޮމިޓީންނެވެ.

މީގެ ކުރިން މިއަހަރުގެ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި 40 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރެއްވި 94 ބޭފުޅަކަށް ވަނީ އިނާމު ދެއްވާފައެވެ.

މިއަހަރު ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްސަ އިނާމު ލިބިވަޑައިގަންނަވަނީ 33 ބޭފުޅުންނަށެވެ. މި ބޭފުޅުން ހޮވުއްވުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ ޚާއްސަ އިނާމާބެހޭ ކޮމިޓީންނެވެ.