ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ކަރެކްޝަނަލް ސަރވިސްގެ ތާރީޚުގައި އައު ބާބެއް: އަމިއްލަ ހެޑްކުއަރޓަރސް ހުޅުވައިފި

ރައީސުލްޖުމްހޫރިއްޔާ ކަރެކްޝަންސްގެ ހެޑްކުއަރޓަރސްގެ އައު ޢިމާރާތް ރަސްމީކޮށް ހުޅުވައިދެއްވުން ----- ފޮޓޯ:ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާ ކަރެކްޝަންސްގެ ހެޑްކުއަރޓަރސްގެ އައު ޢިމާރާތް ރަސްމީކޮށް ހުޅުވައިދެއްވުން ----- ފޮޓޯ:ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމް.ސީ.އެސް.)ގެ ހެޑްކުއަރޓަރސްގެ އައު ޢިމާރާތް ރަސްމީކޮށް ހުޅުވައިދެއްވައިފިއެވެ.


އެތައް އަހަރެއް ވަންދެން ކުލީ ޢިމާރާތްތަކެއްގައި ހިންގަމުން އައި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމް.ސީ.އެސް)ގެ ހިންގުން އެ މުއައްސަސާގެ އަމިއްލަ ޢިމާރާތަކަށް ބަދަލުކޮށް، އެތަނުގެ ތާރީޚުގައި އައު ބާބެއް މިވަނީ ފެށިފައެވެ. އެމް.ސީ.އެސް.އަށް ޚާއްޞަކޮށްގެން ތަރައްޤީކުރި ފުރަތަމަ ހެޑްކުއަރޓަރސް ރަސްމީކޮށް ހުޅުވައިދެއްވީ މިއަދުއެވެ.


ހުޅުމާލޭ ޖަލުގެ ގޯތިތެރޭގައި ޤާއިމުކުރި މި ޢިމާރާތް ހުޅުވުމަށް މިއަދު މެންދުރު ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާއަށް ހޫނު މަރުޙަބާއެއް ދެންނެވީ މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ ޢަލީ ޢިހްސާނާއި ކޮމިޝަނަރ އޮފް ޕްރިޒަންސް ޙުސައިން ޒަރީރެވެ. އެއަށްފަހު، ރައީސުލްޖުމްހޫރިއްޔާއަށް ވަނީ ޝަރަފުގެ ގާޑެއް އަރުވާފައެވެ.


މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ކޮމިޝަނަރ ޒަރީރު ވިދާޅުވީ، މީގެކުރިން އެ މުއައްސަސާގެ އޮފީސް ހިންގުމަށް އެކަނިވެސް ހަ ޢިމާރާތެއް ކުއްޔަށް ހިފަންޖެހި، ވަރަށް ނާޒުކު ޙާލަތެއްގައި އޮތް ކަމަށެވެ. އެހެންނަމަވެސް، ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުގެ އެހީތެރިކަމާއެކު، ކަރެކްޝަނަލް ސަރވިސްއަށް އަމިއްލަ ޢިމާރާތެއް ލިބިގެން ދިޔުމަކީ ލިބުނު ވަރަށް ބޮޑު ކުރިއެރުމެއްކަން އޭނާ ފާހަގަކުރެއްވިއެވެ.


ޒަރީރު ވަނީ ކަރެކްޝަނަލް ސަރވިސްގެ މަސައްކަތުގެ ބުރަ މިނަށްވެސް އަލިއަޅުވާލައްވާފައެވެ. އެގޮތުން، މިވަގުތު ތިން ޖަލާއި އިމިގްރޭޝަން ޑިޓެންޝަން ސެންޓަރުގެ ސެކިއުރިޓީ ބަލަހައްޓަމުން އަންނައިރު، ރާއްޖޭގެ އެކި ޖަލުތަކުގައި 176 ރަށަކަށް ނިސްބަތްވާ 1,591 ޤައިދީން ބަލަހައްޓަމުން އަންނަ ކަމަށް ވިދާޅުވިއެވެ.


މި މަޝްރޫޢުއަކީ 16 މަސް ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާފައިވާ 12،000 އަކަފޫޓުގެ ޢިމާރާތެކެވެ. ދެ ފަންގިފިލާއަށް ހަދާފައިވާ މި ޢިމާރާތުގެ ސަބަބުން، އެމް.ސީ.އެސްގެ 15 ސެކްޝަނަކާއި ޑިވިޜަނެއް އެއްފުރާޅެއްގެ ދަށުން ހިންގުމުގެ މަގުފަހިވެ، 170 އަށްވުރެ ގިނަ މުވައްޒަފުންނަށް ޚިދުމަތް ދެވޭނެއެވެ.


މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއަކީ ރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ޤާނޫނުގެ ދަށުން 2013 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 31 ވަނަ ދުވަހު އުފައްދާފައިވާ މުއައްސަސާއެކެވެ.