ހުޅުމާލެ 3 ވަނަ ފިޔަވަހީގެ ގޯތިތައް ހައްގުވެރިންނަށް ޔަގީންކޮށްދެއްވައި، ބިން ހިއްކުން އަލުން ފަށައިފި
މާލޭގެ ރައްޔިތުން ކުރިމަތިލަމުންދާ ބޯހިޔާވަހިކަމުގެ ދަތިތަކަށް ދާއިމީ ހައްލެއް ހޯދައިދިނުމުގެ އަމާޒުގައި، ހުޅުމާލޭ ތިންވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަސައްކަތްތައް އަލުން ފަށައިފިއެވެ.
މި މަޝްރޫޢުގެ ދަށުން ގޯތި ލިބިފައިވާ ފަރާތްތަކަށް އެމީހުންގެ ހައްގުތައް ކަށަވަރުކޮށްދެއްވާނެ ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވާފައިވާ ދަނޑިވަޅެއްގައި، މި މަސައްކަތް އަލުން ފެށިގެން ދިޔުމަކީ ގިނަ ބަޔަކަށް ލިބިގެންދާނެ އުއްމީދެކެވެ.
މަސައްކަތް އަލުން ފެށުމާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ވަނީ ބިން ހިއްކާ ސަރަހައްދަށް އިއްޔެ ވަޑައިގެން، މަޝްރޫޢުގެ އަމަލީ މަސައްކަތްތައް ކުރިއަށްދާގޮތް ވަރަށް ގާތުން ބައްލަވާލައްވާފައެވެ. މި ޒިޔާރަތުގައި ރައީސް ވަނީ މަޝްރޫޢާ ގުޅޭ އެންމެ ފަހުގެ މަޢުލޫމާތުތައް ކަމާބެހޭ ފަރާތްތަކުގެ ކިބައިން އޮޅުން ފިލުއްވާފައެވެ. އެމަނިކުފާނުގެ އަރިހުގައި ބައެއް ވަޒީރުންނާއި ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
Ads by BMLކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން (ސީއެމްސީ) އާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި ބިޔަ މަޝްރޫޢުގެ ދަށުން ޖުމްލަ 63 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ރޭވިފައެވެ. މި މަސައްކަތުގައި ބޭނުންކުރަމުން އަންނަނީ ބޮސްކާލިސް ކުންފުނީގެ ޒަމާނީ، 22،000 ކިއުބިކް މީޓަރު (ސީބީއެމް) ގެ ޑްރެޖަރެކެވެ.
މިދިޔަ 2023 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ފެށި މި މަޝްރޫޢުގެ މަސައްކަތް ވަގުތީގޮތުން މެދުކެނޑުނީ ހުޅުމާލޭގެ މާސްޓަރ ޕްލޭނަށް ބަދަލުތަކެއް ގެނައުމުގެ މަސައްކަތް ކުރިއަށްގެންދިއުމަށެވެ. މަސައްކަތް މެދުކަނޑާލުމުގެ ކުރިން މި މަޝްރޫޢުގެ ދަށުން 24 ހެކްޓަރުގެ ބިން ވަނީ ހިއްކާ ނިމިފައެވެ. މިހާރު އަލުން ފެށިގެން ކުރިއަށްދާނީ ބާކީ އޮތް 38 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތެވެ.
މި މަސައްކަތްތަކާ ގުޅިގެން އެ ސަރަހައްދަކީ ކަނޑުމަގުން ދަތުރުފަތުރުކުރުމަށް ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަންޖެހޭ ސަރަހައްދަކަށް ވާތީ، އެ ސަރަހައްދުން ދަތުރުކުރާ އުޅަނދުފަހަރުތައް ސަމާލުވުމަށް އެޗްޑީސީން ވަނީ އިލްތިމާސްކޮށްފައެވެ.
Ads by MACL
