އެސްއީޒެޑްގެ ދަށުން ޓައުންޝިޕްތައް ހެދުމަށް މަގުފަހިކުރާ އިސްލާހު ރައީސް ތަސްދީގުކުރައްވައިފި
އިކޮނޮމިކް ޒޯން (އެސްއީޒެޑް) ގެ ގޮތުގައި ކުރިން ހަމައެކަނި ސިނާއީ މަސައްކަތްތަކަށް ހާއްސަކުރެވިފައި އޮތް ސަރަހައްދުތަކުގައި، މީހުން ދިރިއުޅޭ "ސަސްޓެއިނަބަލް ޓައުންޝިޕް" ތައް ގާއިމުކުރުމަށް މަގުފަހިކުރާ ބިލް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ތަސްދީގުކުރައްވައިފި އެވެ.
ސަރުކާރުން ހުށަހެޅި މި ބިލަކީ މިދިޔަ ބުދަ ދުވަހު ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބިލެކެވެ.
މި އިސްލާހުގެ ސަބަބުން އެސްއީޒެޑް ގާނޫނުގެ 20 ވަނަ މާއްދާއަށް ވަނީ މުހިންމު ބަދަލެއް އައިސްފަ އެވެ. ކުރިން އެ މާއްދާގެ ދަށުން އެސްއީޒެޑްގެ ގޮތުގައި ކަނޑައެޅޭނީ ސިނާއީ މަސައްކަތްތައް ހިންގާ ސަރަހައްދުތައް އެކަންޏެވެ. ނަމަވެސް، އަލަށް ތަސްދީގުކުރި އިސްލާހުގައި "ސަސްޓެއިނަބަލް ޓައުންޝިޕް" ގެ ނަމުގައި އާ ކެޓަގަރީއެއް ވަނީ އިތުރުކޮށްފަ އެވެ.
Ads by BMLމި ބަދަލާއެކު، އެފަދަ ޓައުންޝިޕްތަކުގައި އިންޓަގްރޭޓެޑް ޓޫރިޒަމާއި ރިއަލް އެސްޓޭޓް ވިޔަފާރި ކުރުމުގެ ފުރުސަތު ހުޅުވިގެންދާނެ އެވެ. އަދި އެފަދަ ސަރަހައްދުތައް ހިންގާނީ އެއް މެނޭޖްމަންޓެއްގެ ދަށުންނެވެ.
ސަރުކާރުގެ ފަރާތުން ބާރަށު ދާއިރާގެ މެމްބަރު އިބްރާހީމް ޝުޖާއު މަޖިލީހަށް ހުށަހެޅުއްވި މި ބިލް ފާސްވީ، ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 56 މެމްބަރުންގެ ތެރެއިން 46 މެމްބަރުންގެ ތާއީދާއެކުގަ އެވެ. ބިލާ ދެކޮޅަށް ވޯޓު ދެއްވީ އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ 10 މެމްބަރުންނެވެ.
Ads by MACL
