ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ޖުޑިޝަރީއަށް މާލީ މިނިވަންކަން ދިނުމުން ވާނުވާ ބަންދުގެ މައްސަލައަށް ޙައްލު ލިބޭނެ: ރައީސް

ކްރިމިނަލް ކޯޓާއި ޑްރަގް ކޯޓުގެ އައު އިމާރާތް ރަސްމީކޮށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހުޅުއްވައި ދެއްވަނީ / ފޮޓޯ: މުޙައްމަދު ވަޙީދު، ޕީއެސްއެމް ނިއުސް
ކްރިމިނަލް ކޯޓާއި ޑްރަގް ކޯޓުގެ އައު އިމާރާތް ރަސްމީކޮށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހުޅުއްވައި ދެއްވަނީ / ފޮޓޯ: މުޙައްމަދު ވަޙީދު، ޕީއެސްއެމް ނިއުސް

ސަރުކާރުން ޖުޑިޝަރީއަށް މާލީ މިނިވަންކަން ކަށަވަރުކޮށްދިނުމަށް ގެންނަ ބަދަލުތަކުގެ ސަބަބުން، ދިގުލައިގެން ގޮސްފައިވާ ވާނުވާ ބަންދުގެ މައްސަލަތަކަށް ޙައްލު ލިބިގެންދާނެ ކަމުގެ ވަރަށް ބޮޑު ޔަޤީންކަމެއް އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ޖުމްހޫރީ ދުވަހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ސަރުކާރުގެ މި ނިންމުމަކީ ޝަރުޢީ ދާއިރާއަށް ޙަޤީޤީ މާނައިގައި މިނިވަންކަން ހޯދައިދިނުން ކަމަށެވެ. އެގޮތުން، އަންނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ދަޢުލަތުގެ ބަޖެޓުން ވަކި އިންސައްތައެއް ޝަރުޢީ ދާއިރާއަށް ޚާއްސަކުރެވޭނެއެވެ. އަންނަ އަހަރަށް ހުށަހަޅާފައިވާ ބަޖެޓުގައި މިކަމަށްޓަކައި 807 މިލިއަން ރުފިޔާ ވަނީ ކަނޑައަޅާފައެވެ.

މި ބަދަލާއެކު، ޝަރުޢީ ދާއިރާއަށް ވަކި ބަޖެޓެއް ޤާއިމުކުރެވި، އެހެން އިދާރާއެއްގެ ހުއްދައަކަށް ބަރޯސާވުމެއް ނެތި، އަމިއްލައަށް ޚަރަދުތައް ބެލެހެއްޓުމުގެ ފުރުސަތު ލިބިގެންދާނެއެވެ. މީގެ ތެރޭގައި ބޭނުންވާ މުވައްޒަފުން ހޯދުމާއި، ޢުމްރާނީ ވަސީލަތްތައް ޤާއިމުކުރުން ފަދަ ކަންކަން ހިމެނޭނެ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

ރައީސް މުޢިއްޒު ވިދާޅުވީ، މި ހުރިހާ އިސްލާޙެއްގެ އެންމެ މުހިންމު މަޤްޞަދަކީ އަދުލު އިންސާފު ޤާއިމުކުރުން އަވަސްކޮށް، ޚާއްސަކޮށް ޝަރީޢަތް ނިމެންދެން ބަންދުގައި ތިބެންޖެހޭ މީހުންގެ މައްސަލަތަކަށް އަވަސް ޙައްލެއް ގެނައުން ކަމަށެވެ. "ވާނުވާ ބަންދުގައި ތިބެގެން ނުވާނެ. އެއީ އެމީހުންގެ ޙައްޤެއް،" ރައީސް ވިދާޅުވިއެވެ.

މިކަމުގައި ޖުޑިޝަރީން ފުރިހަމައަށް މަސައްކަތް ކުރާނެ ކަމަށް 100 އިންސައްތަ ޔަޤީންކުރައްވާ ކަމަށް ވިދާޅުވެ، ބޭނުންވާ ޤާނޫނީ އިސްލާޙުތައް ގެނައުމަށް، ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ވިޔަސް، ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ.

މީގެ އިތުރުން، އަލަށް ޢިމާރާތްކުރި ކްރިމިނަލް ކޯޓުން ޚިދުމަތް ދޭން ފަށާފައިވާކަން ފާހަގަކުރައްވައި، ޑްރަގް ކޯޓަށް ބޭނުންވާ ވަސީލަތްތައް ޤާއިމުކޮށްދިނުމަކީވެސް ސަރުކާރުން އިސްކަމެއްދޭނެ ކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ. މި ހުރިހާ މަސައްކަތެއްގެ ނަތީޖާއަކަށް ވާންޖެހޭނީ، މައްސަލަތައް އަވަހަށް ނިންމައި، ރައްޔިތުންނަށް އަދުލު އިންސާފު އަވަހަށް ލިބިގެން ދިއުން ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.