ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ތައިބާ މިސްކިތަށް ގެއްލުންދިން ޒުވާނާ ހައްޔަރުކުރުމަށްފަހު އާއިލާއާ ހަވާލުކޮށްފި

ތައިބާ މިސްކިތަށް ގެއްލުންދިން ޒުވާނާ ހައްޔަރުކުރުމަށްފަހު އާއިލާއާ ހަވާލުކޮށްފި

މާލޭގައި ހުންނަ މަޝްހޫރު ސުލްތާން ހަސަން އިއްޒުއްދީން މިސްކިތުގެ (ތައިބާ މިސްކިތް) ކުޑަދޮރެއްގެ ބިއްލޫރިގަނޑެއް ތަޅާލި މައްސަލައިގައި ކުށުގެ ވެށިން ހައްޔަރުކުރި 24 އަހަރުގެ ޒުވާނާ، އޭނާގެ އާއިލާއާ ހަވާލުކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ވިދާޅުވީ، މި ހާދިސާގެ ރިޕޯޓު ލިބުނީ މިއަދު ހެނދުނުގެ ވަގުތެއްގައި ކަމަށާއި، މިސްކިތަށް ގެއްލުންދިން ޒުވާނާ އެވަގުތު ހުއްޓުވައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ. ނަމަވެސް، އޭނާ މި އަމަލު ހިންގި ސަބަބެއް އަދި ސާފުވެފައި ނުވާކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

ހައްޔަރުކުރި ޒުވާނާ އާއިލާއާ ހަވާލުކުރި ނަމަވެސް، މި މައްސަލަ އަދިވެސް ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލަކު ވަނީ ކަށަވަރުކޮށްދެއްވާފައެވެ.

މާލޭގެ މިސްކިތަކަށް ގެއްލުންދިން މި ހާދިސާ ފެންމަތިވީ، މީގެ އެންމެ ރެއެއް ކުރިން އައްޑޫ ސިޓީ ހިތަދޫގައި ހުންނަ މިސްކިތަކަށް ވެސް ބަޔަކު ގެއްލުންދީފައި ވަނިކޮށެވެ. އެ މައްސަލައާ ގުޅިގެން އަދި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް މައުލޫމާތު ލިބެއެވެ.