ވާނުވާ ބަންދުތަކަށް ނިމުމެއް ގެނެސް، މައްސަލަތައް އަވަސްކުރުމަށް ރައީސް ޖުޑީޝަރީއަށް ގޮވާލައްވައިފި
ވާނުވާ ބަންދުތަކަށް ނިމުމެއް ގެނެސް، މައްސަލަތައް އަވަސްކުރުމަށް ރައީސް، ޑރ. މުޢިއްޒު ޖުޑީޝަރީއަށް ގޮވާލައްވައިފިއެވެ.
ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ޤައުމާ މުޚާޠަބު ކުރައްވަމުން، އެއްވެސް މީހަކު "ވާނުވާ ބަންދު"ގައި ތާ އަބަދަށް ބެހެއްޓިގެން ނުވާނެ ކަމަށާއި، ކޯޓުތަކުގައި ނުނިމި ހުރި މައްސަލަތައް ވީހާވެސް އަވަހަކަށް ނިންމުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ޖުޑީޝަރީއަށް ގޮވާލައްވައިފިއެވެ. އަދި ޢަދުލުވެރިކަމާއެކު އެކަން ކުރުމުގެ ފުރިހަމަ ޔަޤީންކަން ޝަރުޢީ ދާއިރާއަށް އެބައޮތް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް މުޢިއްޒު މިކަމަށް ގޮވާލެއްވީ، މިއީ އެމަނިކުފާނުގެ މުހިންމު ރިޔާސީ ވަޢުދުފުޅެއްކަން ފާހަގަކުރައްވަމުންނެވެ. މި ވަޢުދުފުޅު ފުއްދުމަށްޓަކައި ސަރުކާރުން ކުރަންޖެހޭ ކަންކަން މިހާރުވެސް ކުރައްވަމުން އަންނަ ކަމަށާއި، ޖުޑީޝަރީއަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް އިސްކަންދެއްވާ ކަމަށް ވިދާޅުވިއެވެ. އެގޮތުން، ޖުޑީޝަރީއަށް ބޭނުންވާ ޖާގަ ހަމަޖައްސަވައިދެއްވުމާއި، ދަޢުލަތުގެ ބަޖެޓުގައި ޝަރުޢީ ދާއިރާގެ ބަޖެޓް ވަކިން ކަނޑައެޅުއްވީވެސް މި މަޤްޞަދުގައި ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
Ads by BMLމީގެ އިތުރުން، ޝަރުޢީ ނިޒާމު ހަރުދަނާކުރުމަށްޓަކައި ޤާނޫނީ ގޮތުން ގެންނަންޖެހޭ ކޮންމެ އިސްލާޙަކަށް ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ދެއްވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ. ދައުލަތުގެ ތިން ބާރުގެ މެދުގައި "ޗެކް އެންޑް ބެލަންސް"ގެ ނިޒާމު ޤާއިމުކޮށް، ދެމެހެއްޓުމަށް ސަރުކާރުން އަބަދުވެސް މަސައްކަތް ކުރާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ދިވެހިރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔާއަށް 57 އަހަރު ފުރުން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، ޖުމްހޫރީ ވެރިކަމެއްގައި ރައްޔިތުންނަށް އެންމެ މުހިންމުވާނީ އެމީހުންގެ ޙައްޤުތައް ފުރިހަމައަށް އަދާވުން ކަމަށެވެ. އަދި އެމަނިކުފާނުގެ ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވަނީ ޒިންމާދާރު، ޢަދުލުވެރި އަދި އިންސާފުވެރި ވެރިކަމެއް ކުރުމަށް ކަމުގައިވެސް ވިދާޅުވިއެވެ.
Ads by MACL
