350 ކިލޯގެ ޑްރަގް: ލަންކާގެ ފަސް މީހުން ޝަރީޢަތް ނިމެންދެން ބަންދުކުރަން އަމުރުކޮށްފި
ރާއްޖޭގެ ކަނޑުގެ ސަރަޙައްދުން 350 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެއްޗާއެކު އަތުލައިގަތް ސްރީލަންކާގެ މަސް ބޯޓުގައި ތިބި އެ ޤައުމުގެ ފަސް ރައްޔިތަކު، ޝަރީޢަތް ނިމެންދެން ބަންދުކުރުމަށް ކްރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފައެވެ.
އެމްއެންޑީއެފް ކޯސްޓްގާޑުން ހިންގި އޮޕަރޭޝަނެއްގައި، ރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދުން އަތުލައިގެންފައިވާ "އަވިޝްކާ ޕުތާ" ނަމަކަށް ކިޔާ މި ބޯޓު ބަލައި ފާސްކުރިއިރު، ފެނުނު މަސްތުވާތަކެތީގެ ބަރުދަނުގައި 350 ކިލޯއަށްވުރެ ގިނަ ހުރިކަމަށް ފުލުހުން ބުނެއެވެ.
މިއީ ފަހުގެ ތާރީޚެއްގައި ރާއްޖެއިން އަތުލައިގަތް މަސްތުވާތަކެތީގެ އެންމެ ބޮޑު އެއް ޝިޕްމަންޓެވެ.
Ads by BMLކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، ބަންދާމެދު ގޮތެއް ނިންމުމަށް ބޭއްވި މަޖިލީހުގައި، ހައްޔަރުކޮށްފައިވާ ފަސް މީހުން ވެސް ވަނީ އެމީހުންގެ މައްޗަށް ކުރެވޭ ތުހުމަތުތަކަށް އިންކާރުކޮށްފައެވެ. ނަމަވެސް، މިއީ ބައިނަލްއަޤްވާމީ ޑްރަގް ނެޓްވޯކަކުން ހިންގާފައިވާ އޯގަނައިޒް ކުރައިމެއް ކަމަށް ފުލުހުންގެ ހެކިތަކުން ބެލެވޭތީއާއި، މުޖުތަމަޢުއަށް ނުރައްކާވެދާނެކަމަށް ފެންނާތީ، އެމީހުން ޝަރީޢަތް ނިމެންދެން ބަންދުގައި ބޭތިއްބުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
މި ބޮޑު މައްސަލައާ ގުޅިގެން ބަންދުކުރަން އަމުރުކުރި ފަސް މީހުންނަކީ:
-
ކޭ އެން އައި ޕެއިރިސް (39އ)
-
ސިންގައްޕުލިގެ ނިމަލް ރަންޖިތު ކިސަންތަ ފެނާންޑޯ (63އ)
-
ވަރްނަކުލަސުރިޔަ ނިޝަންތަ ތަމެލް (34އ)
-
މިހިޑުކުލަސުރިޔަ އަންޑަރަގެ އަމިލަ ނުވަން ލިވެރަ (42އ)
-
ވަރްނަކުލަސޫރިޔަ އޮޝެން ސަޗިންތަ ފެނާންޑޯ (28އ)
ފުލުހުން ވިދާޅުވީ، މި މައްސަލައިގެ ތަޙުޤީޤު ދިވެހި ފުލުހުންނާއި، އެމްއެންޑީއެފް، އަދި ސްރީލަންކާގެ ނޭވީ އާއި ޕޮލިސް ގުޅިގެން ކުރިއަށްގެންދާ ކަމަށެވެ.
Ads by MACL
