ބިލެއްދޫ ހިތްފަސޭހަ 'ފަސްވަޅު ބީޗް' ރައްޔިތުންނަށް ހުޅުވާލައިފި
ފާފު އަތޮޅު ކައުންސިލްގެ އެހީތެރިކަމާއެކު، އެއަތޮޅު ބިލެއްދޫ ކައުންސިލުން އިސްނަގައިގެން ހިންގެވި 'ފަސްވަޅު ބީޗް' ތަރައްޤީ ކުރުމުގެ ބިޔަ މަޝްރޫޢު ނިންމާ، މިއަދު ރަސްމީކޮށް ރައްޔިތުންގެ ބޭނުންތަކަށް ހުޅުވާލައިފިއެވެ.
މިއީ 4 ވަނަ ދައުރުގެ ކައުންސިލް މެމްބަރުންގެ އިސްނެންގެވުމަކަށް، 400،000 (ހަތަރު ލައްކަ) ރުފިޔާގެ ބަޖެޓަކުން ހިންގި ޢުމްރާނީ އަދި އިޖުތިމާޢީ މުހިންމު މަޝްރޫޢެކެވެ.
މި މަސައްކަތަކީ 12 މެއި 2025 ގައި ފެށި މަސައްކަތަކަށް ވާއިރު، ކައުންސިލް މުވައްޒަފުންނާއި، ރަށުގެ އެކި މުއައްސަސާތަކުގެ ވެރިންނާއި މުވައްޒަފުން، އަދި އާންމު ރައްޔިތުންގެ ބުރަ މަސައްކަތުން، ރެކޯޑް މުއްދަތެއްގެ ތެރޭގައި، 05 އޮކްޓޯބަރު 2025 ގައި މަސައްކަތް ވަނީ ނިންމާލާފައެވެ.
Ads by BMLމިކަމާ ގުޅިގެން ވާހަކަ ދައްކަވަމުން ބިލެއްދޫ ކައުންސިލްގެ ރައީސް ވިދާޅުވީ، 2024 ވަނަ އަހަރު ބޭއްވި ބައި-އިލެކްޝަން ކާމިޔާބު ކުރެއްވުމަށްފަހު، މި ދައުރު ނިމުމުގެ ކުރިން މިފަދަ މަޝްރޫޢެއް ނިންމާލުމަކީ އޭނާ ދެކެވަޑައިގެންނެވި ހުވަފެނެއް ކަމަށެވެ.
"މިއަދު މި ބީޗް ނިންމާ، ރައްޔިތުންނަށް ރަސްމީކޮށް ހުޅުވާލުމުން އަޅުގަނޑަށް ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބިގެން ހިނގައްޖެ. މިއީ ހަމައެކަނި ކައުންސިލްގެ މަސައްކަތެއް ނޫން. މިއީ މުޅި ރަށުގެ ރައްޔިތުންގެ އެކުވެރިކަމާއި އެއްބާރުލުމުގެ ނަތީޖާ،" ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.
އޭނާ ވަނީ މި ބީޗް ދިގު މުއްދަތަކަށް ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުމަށް ހުރިހާ ފަރާތްތަކަށް އިލްތިމާސް ކުރައްވާފައެވެ. އަދި މިހާރު ހިނގަމުންދާ ދައުރު ނިމުމުގެ ކުރިން، ރައްޔިތުންނަށް ފައިދާހުރި މިފަދަ އިތުރު މުހިންމު މަޝްރޫޢެއް ނިންމާ ހުޅުވާލާނެ ކަމުގެ ފުރިހަމަ ޔަގީންކަންވެސް އޭނާ ދެއްވިއެވެ.
ފެންނަ ފެނުމަށް ރީތި، ބޭނުންތެރި މަޝްރޫޢެއް މިހާ ކުރު މުއްދަތެއްގެ ތެރޭގައި ނިންމާލުމުން، ރަށުގެ ގިނަ ބަޔަކު ދަނީ ކައުންސިލްގެ ހިންގުންތެރިކަމަށް ތަޢުރީފު ކުރަމުންނެވެ.
ބިލެއްދޫގެ ގިނަ ރައްޔިތުން ދެކޭ ގޮތުގައި، 2026 ވަނަ އަހަރުގެ ކައުންސިލް އިންތިޚާބުގައި މިފަދަ ޚިދުމަތްތެރި، ހީވާގި ޒުވާން ބޭފުޅުން ޤައުމީ ޚިދުމަތަށް ނުކުތުމަކީ ރަށުގެ ތަރައްޤީއަށް އެޅޭނެ ވަރަށް މުހިންމު ފިޔަވަޅެކެވެ.
Ads by MACL
