ޑިޖިޓަލް އިޤްތިޞާދު ބިނާކުރުމަށް ބީއެމްއެލްއިން ކުރާ މަސައްކަތް މާސްޓަރކާޑުން ފާހަގަކޮށްފި
ދިވެހިރާއްޖޭގެ ޑިޖިޓަލް އިޤްތިޞާދު ބިނާކުރުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ކުރަމުންދާ މުހިންމު މަސައްކަތްތަކުގެ އަގުވަޒަންކޮށް، މާސްޓަރކާޑުން އެ ބޭންކަށް އެވޯޑެއް އަރުވައިފިއެވެ. މި އެވޯޑަކީ، 'ޑިޖިޓަލް ކަންޓްރީ ޕާޓްނަރޝިޕް' ގެ ދަށުން ރާއްޖޭގެ އިޤްތިޞާދަށް އީޖާދީ ބަދަލުތައް ގެނައުމަށް ބީއެމްއެލްއިން ދައްކަމުންދާ ހިތްވަރާއި ކެނޑިނޭޅި މަސައްކަތުގެ ހެއްކެކެވެ.
ސިންގަޕޫރުގައި ބޭއްވުނު 'ޑިޖިޓަލް ފައިނޭންސް ލީޑަރޝިޕް' އިވެންޓެއްގައި، ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ވަނީ މި އެވޯޑާއި ހަވާލުވެވަޑައިގެންފައެވެ. އެވޯޑް އެރުވީ މާސްޓަރކާޑްގެ ސްރީލަންކާ އަދި ރާއްޖޭގެ ކަންޓްރީ މެނޭޖަރ، ސަންދުން ހަޕުގޮޑާ އެވެ.
މި އެވޯޑަކީ 2025 ވަނަ އަހަރުގެ އޮގަސްޓް މަހު މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީއާއި މާސްޓަރކާޑު އަދި ބޭންކް އޮފް މޯލްޑިވްސްއާ ދެމެދު ސޮއިކުރެވުނު 'ޑިޖިޓަލް ކަންޓްރީ ޕާޓްނަރޝިޕް' ގެ މުހިންމުކަން ރަމްޒުކޮށްދޭ އެވޯޑެކެވެ. މި ޕާޓްނަރޝިޕްގެ މައިގަނޑު މަޤްޞަދަކީ ދިވެހިރާއްޖޭގައި ޑިޖިޓަލް ބަދަލުތައް ގެނައުމާއި، އީޖާދީ ކަންކަން ކުރިއެރުވުމެވެ. ބީއެމްއެލްއާއި މާސްޓަރކާޑް ގުޅިގެން ރާއްޖޭގެ ޑިޖިޓަލް އިންފްރާސްޓްރަކްޗަރ ޒަމާނީކުރުމަށާއި، ރައްކާތެރި އަދި ހަލުވި ޑިޖިޓަލް ޚިދުމަތްތައް ފުޅާކުރުމަށް މަސައްކަތްކުރަމުން ދާއިރު، އަމިއްލަ ފަރުދުންނާއި، ވިޔަފާރިތަކާއި، މުޖުތަމަޢުތަކަށް އިތުރު ފުރުސަތުތައް ހޯދައިދިނުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.
Ads by BMLމާސްޓަރކާޑުގެ ޕްރިންސިޕަލް މެންބަރަކަށް 2002 ވަނަ އަހަރު ވެވުމަށް ފަހު، ރާއްޖޭގެ ފައިސާ ދެއްކުމުގެ ނިޒާމަށާއި މާލީ ދާއިރާއަށް ބޮޑެތި ބަދަލުތައް ގެނައުމަށް ބީއެމްއެލް އާއި މާސްޓަރކާޑު ގުޅިގެން ގިނަ މަޝްރޫއުތަކެއްގައި ވަނީ މަސައްކަތްކޮށްފައެވެ. މިގޮތުން، އީޖާދީ 'ސްމާޓް ސިޓީ' ހައްލުތަކުގެ ތެރެއިން، ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ގައި ފައިސާ ދެއްކޭނެ ހާއްސަ އިންތިޒާމެއް ހަމަޖެއްސުން ފާހަގަކޮށްލެވެއެވެ.
މާސްޓަރކާޑްގެ ފަރާތުން މި އެވޯޑް ލިބުމަކީ، ސްޓްރެޓީޖިކް ޕާޓްނަރޝިޕްތައް ބިނާކޮށް، ޓެކްނޮލޮޖީއާއި އެއްބާރުލުމުގެ ބޭނުންކޮށްގެން އީޖާދީ ޑިޖިޓަލް ހައްލުތައް ހޯދައި ރާއްޖޭގެ އިޤްތިޞާދާއި ޓެކްނޮލޮޖީ ކުރިއަރުވަން ބޭންކުން އަދާކުރާ އިސް ދައުރުގެ ހެއްކެކެވެ.
Ads by MACL
