ސަރުކާރުގެ ފުރަތަމަ ދެ އަހަރު ހިނގާދިޔަގޮތް ރައްޔިތުންނާ ހިއްސާކުރެއްވުމަށް މިއަހަރުވެސް ރައީސްގެ ބައްދަލުވުމެއް!
ސަރުކާރަށް ދެ އަހަރު ފުރޭ މުނާސަބަތުގައި، ރައްޔިތުންނަށް ޖަވާބުދާރީވުމުގެ ގޮތުން ސަރުކާރުން ކޮށްފައިވާ މަސައްކަތްތަކާއި ހޯދާފައިވާ ނަތީޖާތައް ހިއްސާކުރެއްވުމަށް ޚާއްސަ ބައްދަލުވުމެއް ބާއްވަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިއުލާން ކުރައްވައިފިއެވެ. މިދިޔަ އަހަރެކޭ އެއްގޮތަށް، މިއަހަރުގެ ބައްދަލުވުންވެސް ކުރިއަށްގެންދަވާނީ ރައީސުލްޖުމްހޫރިއްޔާ އަމިއްލަފުޅަށެވެ.
ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ސަރުކާރުގެ އަމާޒަކީ ރައްޔިތުންނަށް ވެފައިވާ ކޮންމެ ވަޢުދެއް ފުއްދުން ކަމަށާއި، އެކަންކަން ހާސިލުކުރުމަށް މުޅި ސަރުކާރު އެއް އަމާޒެއްގައި މަސައްކަތް ކުރަމުންދާ ކަމަށެވެ.
އަންނަ ނޮވެންބަރު މަހުގެ 17 ވަނަ ދުވަހު ބާއްވަވާ މި ބައްދަލުވުމުގައި، ރިޔާސީ ވަޢުދުތަކާއި ސަރުކާރުން ހިންގާ އެހެނިހެން މަޝްރޫޢުތަކުގެ އެންމެ ފަހުގެ މައުލޫމާތު، ހެއްކާއި ތަފާސްހިސާބާއެކު ޕްރެޒެންޓޭޝަނެއްގެ ގޮތުގައި ރައްޔިތުންނާ ހިއްސާކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. "ހަމަ މި މާލަމުގައި، ސަރުކާރުން ފަށާފައިވާ މަސައްކަތްތަކުގެ ނަތީޖާ ފެންނަމުންދާގޮތް ރައްޔިތުންނާ ހިއްސާކުރާނަން،" ރައީސް ވިދާޅުވިއެވެ.
Ads by BMLރައީސުލްޖުމްހޫރިއްޔާ އިތުރަށް އަލިއަޅުވާލެއްވި ގޮތުގައި، ސަރުކާރުގެ ކޮންމެ ނިންމުމަކާއި ވަޢުދެއް ހާސިލުވަމުންދާ މިންވަރު ވަރަށް ގާތުން ބައްލަވައި މޮނިޓަރ ކުރައްވަމުން ގެންދަވައެވެ. އަދި ސަރުކާރުން ހޯދާ ކޮންމެ ކާމިޔާބީއެއްގެ ފަހަތުގައި ރައްޔިތުންނާއި ދައުލަތުގެ މުޅި ނިޒާމުގެ ބައިވެރިވުން އެކުލެވޭކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މިދިޔަ އަހަރު، ސަރުކާރަށް އެއް އަހަރު ފުރުމުގެ މުނާސަބަތުގައި "ރައްޔިތުންނާއެކު ކުރިއަށް" މި ނަމުގައި ބޭއްވި ބައްދަލުވުމުގައިވެސް، އިޤްތިޞާދު ހަމަމަގަށް އެޅުވުމަށް ކުރެވުނު މަސައްކަތްތަކާއި، ބޮޑެތި މަޝްރޫޢުތަކާއި، އަތޮޅުތަކުގެ ތަރައްޤީއަށް ރާވާފައިވާ ކަންކަމުގެ ތަފްސީލީ މައުލޫމާތު ވަނީ ހިއްސާކުރައްވާފައެވެ.
މިފަދަ ބައްދަލުވުންތަކަކީ، ރައްޔިތުންނާ ގާތުން، ހާމަކަން ބޮޑުގޮތެއްގައި ޖަވާބުދާރީވުމަކީ ރައީސް ޑރ. މުޢިއްޒުގެ ވެރިކަމުގެ މުހިންމު ސިޔާސަތެއްކަން ހާމަވެގެންދާ ކަމެކެވެ.
Ads by MACL
