ސިއްހީ ދުޅަހެޔޮކަން ޔަގީންކުރުމަށް ގައުމީ ދިރާސާއެއް ފަށަނީ
ރާއްޖޭގެ ރައްޔިތުންގެ ސިއްހީ ހާލަތު ފުޅާދާއިރާއެއްގައި ދެނެގަތުމަށްޓަކައި، ގައުމީ ބޮޑު ދިރާސާއެއް އަންނަ އަހަރުގެ ކުރީކޮޅު ފެށުމަށް ހަމަޖެހިފައިވާކަމަށް ހެލްތް މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވެއްޖެއެވެ. މި ދިރާސާ ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ ހެލްތް މިނިސްޓްރީ އާއި ޔުނިސެފް މޯލްޑިވްސް ކަންޓްރީ އޮފީހާ ގުޅިގެންނެވެ.
މިކަން ހާމަކުރެއްވީ، "މަލްޓިޕްލް އިންޑިކޭޓަރ ކްލަސްޓަރ ސަރވޭ" ގެ ނަމުގައި ކުރިއަށްގެންދާ މި ދިރާސާ ހެދުމަށް ޔުނިސެފާއެކު ފަހުމުނާމާއެއްގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައެވެ. މި ފަހުމުނާމާގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ނާޒިމްއެވެ. ޔުނިސެފްގެ ފަރާތުން ސޮއިކުރެއްވީ އެ ޖަމްޢިއްޔާގެ ޚާއްސަ މަންދޫބު ޑރ. އެޑްވަރޑް އަޑާއީއެވެ.
ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ފާހަގަކުރެއްވީ، ގައުމީ ސިޔާސަތުތައް އެކުލަވާލުމުގައި މުހިންމު ތަފާސްހިސާބުތައް ސިއްހީ ދާއިރާއިން މިހާރު އަދާހަމަކުރެވިފައި ނެތް ކަމަށެވެ. އެންމެ ފަހުން ރާއްޖޭގެ ސިއްހީ ޙާލަތާ ގުޅޭ ދިރާސާއެއް ކުރިއަށް ގެންގޮސްފައިވަނީ 2017 ވަނަ އަހަރު ކަމަށް ވުމާއެކު، ސިއްހީ ދާއިރާގެ ކުރިއެރުމަށް ކުރަންވީ ކަންކަން ދެނެގަތުމުގައި ދަތިތަކެއް ދިމާވެފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މި ދިރާސާއާއެކު ސިއްހީ ދާއިރާގެ ސިޔާސަތުތައް ކަނޑައެޅުމަށާއި، ފެންވަރު ރަނގަޅުކުރަންވީ ކަންކަން ދެނެގަނެވި، ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތަކަށް ވާސިލުވުމުގެ މަސައްކަތަށް ބޮޑު ކުރިއެރުމެއް ލިބޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
Ads by BMLމިނިސްޓަރު ނާޒިމް ވިދާޅުވި ގޮތުގައި، ކްލަސްޓަރ ސަރވޭއަކީ ބައިނަލްއަގުވާމީ ފެންވަރުގައި އާބާދީގެ މައިގަނޑު ސިއްހީ ހާލަތާއި، ސިއްހީ ޚިދުމަތްތަކުގެ ހާލަތު ދެނެގަތުމަށް ކުރާ ދިރާސާއެކެވެ. "އަންނަ އަހަރުގެ ކުރީކޮޅު ދިރާސާގެ މަސައްކަތް ފެށިގެންދާނެ. ބޭނުމަކީ ސިއްހީ ހާލަތު ދެނެގަނެ ސިއްހީ ދާއިރާގެ ދުރު ރާސްތާ ޕްލޭނާއި، ސިޔާސަތުތަކަށް ބޭނުންވާ މަޢުލޫމާތު އެއްކުރުން." މިނިސްޓަރު ވިދާޅުވިއެވެ.
މި ދިރާސާގެ ދަށުން އާބާދީގެ ސިއްހަތާއި، ދަރިމައިވުމުގެ ސިއްހަތާއި، ކުޑަކުދިން ހެދިބޮޑުވަމުންދާ މިންވަރާއި، ދިވެހިން ޢާންމުކޮށް ކައިބޮއެ އުޅޭ ތަކެއްޗާ ބެހޭ މަޢުލޫމާތު އެއްކުރެވޭނެއެވެ. މުޅި ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ކުރިއަށް ގެންދާ މި ދިރާސާގައި ޖުމްލަ 6000 ގޭބިސީއަކަށް ޒިޔާރަތްކުރުމަށް ވަނީ ހަމަޖެހިފައެވެ.
Ads by MACL
