ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ހައްދުފަހަނަޅައި ދިއުން ހުއްޓުވަން ތައުލީމީ ދާއިރާއަށް ހާއްސަ ތަމްރީނެއް ބާއްވައިފި

ހައްދުފަހަނަޅައި ދިއުން ހުއްޓުވަން ތައުލީމީ ދާއިރާއަށް ހާއްސަ ތަމްރީނެއް ބާއްވައިފި

ތައުލީމީ ދާއިރާގައި ހައްދުފަހަނަޅައި ދިއުމުގެ މައްސަލަ ހައްލުކުރުމަށް، ދަ އިސްލާމިކް މިލިޓަރީ ކައުންޓާ ޓެރަރިޒަމް ކޯލިޝަން (އައިއެމްސީޓީސީ) އިން ރާއްޖޭގައި ހާއްސަ ތަމްރީން ޕްރޮގްރާމެއް ބާއްވައިފިއެވެ.

މި ޕްރޮގްރާމަކީ ތައުލީމީ މާހައުލުގައި ހައްދުފަހަނައަޅައި ދިއުން ހުއްޓުވުމަށް، އަމަލީ މިސާލުތަކާއެކު ދިވެހި ތައުލީމީ މާހިރުން ބާރުވެރިކުރުމަށް ބޭއްވި ތަމްރީނެކެވެ.

"ތައުލީމީ މާހައުލުގައި ހައްދުފަހަނަޅައި ދިއުމުގެ މައްސަލަ ހައްލުކުރުން – އަމަލީ މިސާލުތައް" މި ނަމުގައި ރާއްޖޭގެ އުތުރުގައި އިއްޔެ ކުރިއަށްދިޔަ މި ޕްރޮގްރާމުގައި، ތައުލީމީ ދާއިރާގެ އެކި މުއައްސަސާތަކުން 22 ބައިވެރިން ބައިވެރިވިއެވެ. މި ތަމްރީންގެ މައިގަނޑު މަގުސަދަކީ، ތައުލީމީ ނިޒާމުގެ ތެރޭގައި ހައްދުފަހަނަޅައި ދިއުމުގެ ނުރައްކާތަކާމެދު ހޭލުންތެރިކަން އިތުރުކުރުމެވެ. މީގެ އިތުރުން، ޒުވާނުންގެ މެދުގައި ހައްދުފަހަނަޅައި ދިއުމަށް މެދުވެރިވާ އާންމު ސަބަބުތައް އިލްމީ އަދި އަމަލީ ތަޖުރިބާގެ އަލީގައި ދެނެގަނެ، އެކަމަށް ހައްލު ހޯދުމަށް ބޭނުންވާ އިލްމާއި ވަސީލަތްތައް ތައުލީމީ މާހިރުންނަށް ފޯރުކޮށްދިނުމަކީވެސް މި ޕްރޮގްރާމުގެ މުހިންމު ބޭނުމެކެވެ.

ތަމްރީން ޕްރޮގްރާމުގައި ފިކުރީ ހައްދުފަހަނައަޅައި ދިއުން ދެނެގަނެ، އެކަންކަން ހައްލުކުރާނެ ގޮތްތަކާއި، ކެތްތެރިކަމާއެކު އެކުގައި އުޅެވޭނެ ރައްކާތެރި މާހައުލެއް ބިނާކުރުމާ ގުޅޭގޮތުން ބައިވެރިންނަށް މައުލޫމާތު ދީފައިވެއެވެ. ޕްރޮގްރާމްގެ ބައިވެރިންނަށް އެނގުނީ ހައްދުފަހަނައަޅައި ދިއުމުގެ ނުރައްކާތައް ދެނެގަނެ، އެކަންކަމަށް ހައްލު ހޯދުމަށް ބޭނުންވާ މުހިންމު ހުނަރުތަކާއި، ރައްކާތެރި މާހައުލެއް ގާއިމުކުރުމަށް ކުރެވޭނެ ކަންކަމެވެ.

މި ތަމްރީން ޕްރޮގްރާމަކީ އައިއެމްސީޓީސީގެ މެންބަރު ގައުމުތަކުގެ މެދުގައި ޓެރަރިޒަމްއާއި ހައްދުފަހަނައެޅުމާ ދެކޮޅަށް ހޭލުންތެރިކަން އުފެއްދުމާއި، އެކަންކަމާ ދެކޮޅަށް މީޑިއާތަކާއި އަސްކަރީ އަދި މާލީ ދާއިރާތަކުން ކުރާ މަސައްކަތްތަކަށް އެހީތެރިވުމުގެ އިތުރުން، ހައްދުފަހަނަޅާފައިވާ ފިކުރުތަކާ ކުރިމަތިލުމުގައި ހުރިހާ ދާއިރާތަކެއް ގުޅިގެން މަސައްކަތްކުރުން އިތުރުކުރުމަށް އައިއެމްސީޓީސީން ކުރާ މަސައްކަތުގެ ތެރެއިން "ޕްރިވެންޝަން" އިނީޝިއޭޓިވްގެ ދަށުން ބޭއްވި ޕްރޮގްރާމެކެވެ.