ޓެކްސީ ޑްރައިވަރު މަރާލި މައްސަލަ: އަދުހަމްގެ މަރުގެ ހުކުމުގެ ސައްހަކަން ކަށަވަރުކުރަން ދައުލަތުން ހައިކޯޓަށް
ޓެކްސީ ޑްރައިވަރެއް ކަމަށްވާ ގާސިމް ހަސަން މަރާލި މައްސަލާގައި މަރަން ހުކުމް ކޮށްފައިވާ އަދުހަމް މުހައްމަދުގެ މަރުގެ ހުކުމުގެ ސައްހަކަން ކަށަވަރުކުރުމަށްޓަކައި ދައުލަތުން ހައި ކޯޓަށް މައްސަލަ ހުށަހަޅައިފި އެވެ. މި ހުށަހެޅުން އައީ، ކްރިމިނަލް ކޯޓުން އަދުހަމް މަރަށް ހުކުމްކުރިތާ ގާތްގަނޑަކަށް އެއް އަހަރު ފަހުންނެވެ.
ހުޅުމާލޭގައި ޓެކްސީ ދުއްވަމުން ދަނިކޮށް ޑިސެމްބަރު 2019 ގައި ގާސިމްގެ ކަރަށް އަދުހަމް ވަޅިއަކުން ހަމަލާދީ މަރާލީ އެ ޓެކްސީގެ ފަހަތު ސީޓުގައި އިނދެފައި، ގާސިމްގެ އަތުން ފޭރެން އުޅުމުގެ ތެރޭގަ އެވެ. މި މައްސަލާގައި އަދުހަމް މަރަން ކްރިމިނަލް ކޯޓުން ހުކުމްކުރީ 2023 ވަނަ އަހަރުގަ އެވެ. މި ހުކުމުގެ ސައްހަކަން ކަށަވަރުކުރަން ދައުލަތުން ހައި ކޯޓަށް ހުށަހެޅި މައްސަލާގެ އަޑުއެހުމެއް މިއަދު ބާއްވަން ތާވަލްކުރި ނަމަވެސް އެ އަޑުއެހުން ވަނީ ކެންސަލްކޮށްފަ އެވެ.
މަރުގެ ހުކުމްތައް އިސްތިއުނާފް މަރުހަލާގައި ދައުލަތުން ހުށަހަޅަން ޖެހެނީ، ހުކުމް ކުރެވޭ ފަރާތުން އަމިއްލައަށް އިސްތިއުނާފް ނުކޮށްފި ނަމަ އެ ހުކުމުގެ ސައްހަކަން ކަށަވަރުކުރުމުގެ ގާނޫނީ ވާޖިބެއްގެ ގޮތުންނެވެ.
Ads by BMLއެ މައްސަލާގައި އަދުހަމް ފުރަތަމަ ކުށަށް އެއްބަސްވި ނަމަވެސް ފަހުން ކޯޓުގައި އޭނާ ވަނީ އެކަމަށް އިންކާރު ކޮށްފަ އެވެ. ނަމަވެސް، ކޯޓުން ނިންމީ ހުށަހަޅާފައިވާ ހެކިތަކާއި އަދުހަމް ދައްކާފައިވާ ވާހަކަތަކަށް ބަލާއިރު ވެސް ގަސްދުގައި މީހަކު މެރުމުގެ ކުށް އޭނާގެ މައްޗަށް ސާބިތުވާ ކަމަށެވެ.
ރާއްޖޭގައި މަރުގެ ހުކުމް ތަންފީޒު ކުރެވޭނީ އިސްތިއުނާފްގެ ހުރިހާ މަރުހަލާއެއް ނިމި، ސުޕްރީމް ކޯޓުން މަރުގެ ހުކުމް ދެމެހެއްޓުމުންނެވެ. މިހާރު ވެސް ސުޕްރީމް ކޯޓުން މަރުގެ ހުކުމް ދަމަހައްޓާފައިވާ ތިން މީހަކު އެބަތިއްބެވެ. ނަމަވެސް ފަހުގެ ތާރީހެއްގައި ރާއްޖޭގައި މަރުގެ އަދަބު ތަންފީޒެއް ނުކުރެ އެވެ.
Ads by MACL
