ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އަންނަ ރޯދަމަހަށްވެސް ކޮންމެ ގެއަކަށް މަސްދަޅު ކޭހެއް ސަރުކާރުން ދެނީ

ޑރ. މުޢިއްޒުގެ ސަރުކާރުން ކޮންމެ އަހަރަކުވެސް ރައްޔިތުންނަށް ރޯދައަށް މިފަދަ ހަދިޔާތައް ދެއްވާ ---
ޑރ. މުޢިއްޒުގެ ސަރުކާރުން ކޮންމެ އަހަރަކުވެސް ރައްޔިތުންނަށް ރޯދައަށް މިފަދަ ހަދިޔާތައް ދެއްވާ ---

ކުރިޔަށް އޮތް ރަމަޟާން މަހަށް ތައްޔާރުވުމަށް ރައްޔިތުންނަށް ލުޔެއް ހޯދައިދިނުމުގެ ގޮތުން، މި އަހަރުވެސް ރާއްޖޭގެ ކޮންމެ ގޭބިސީއަކަށް މަސްދަޅު ކޭހެއް ހަދިޔާކުރުމަށް ސަރުކާރުން ނިންމައިފި އެވެ.

މިކަން ހާމަކުރެއްވީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރެވެ.

ވަޒީރު އާދަމް ޝަރީފް ވިދާޅުވި ގޮތުގައި، މި ހަދިޔާ ރައްޔިތުންނަށް ފޯރުކޮށްދިނުމުގެ އިންތިޒާމުތައް ކައުންސިލްތަކުން މިހާރު ދަނީ ހަމަޖައްސަމުންނެވެ. އެގޮތުން، ބައެއް ރަށްރަށުގެ ކައުންސިލްތަކުން ވަނީ ރޯދަ ހަދިޔާ ލިބިގަތުމަށް ބޭނުންވާ ގޭބިސީތައް ރަޖިސްޓްރީ ކުރުމުގެ މަސައްކަތް ފަށާފައެވެ. ރޯދަ މަސް ފެށުމުގެ ކުރިން ހަދިޔާ ބަހައި ނިންމުމަކީ ކައުންސިލްތަކުގެ އަމާޒެކެވެ.

ސަރުކާރުގެ އުސޫލުގައިވާ ގޮތުން ރޯދަ ހަދިޔާ ދިނުމަށް ގޭބިސީއެއްގެ ގޮތުގައި ބަލަނީ، ވަކިން ދިރިއުޅެމުންދާ އަދި ކައްކައި ކައިބޮއި ހަދާ ކޮންމެ ދިވެހި އާއިލާއެކެވެ. ރަޖިސްޓްރީވުމަށް ހަމަޖެހިފައިވަނީ، އެއް ގޯއްޗެއްގައި އެތައް ގޭބިސީއެއް ދިރިއުޅޭ ނަމަވެސް، އެ ހުރިހާ ގޭބިސީއެއްގެ މައުލޫމާތު ހިމަނައިގެން އެ ގޯއްޗަކުން އެންމެ ފޯމެއް ފުރުމަށެވެ.

މިދިޔަ އަހަރުގެ ރަމަޟާން މަހުގައިވެސް ސަރުކާރުން ވަނީ މިފަދަ ހަދިޔާއެއް ރައްޔިތުންނަށް ދީފައެވެ. އެފަހަރު 180 ގްރާމްގެ 48 ދަޅު ހިމެނޭ މަސްދަޅު ކޭސް، ރާއްޖޭގެ 111,808 އަށްވުރެ ގިނަ ގޭބިސީއަށް ވަނީ ފޯރުކޮށްދީފައެވެ. އޭގެ ކުރީ އަހަރުގެ ރޯދަ މަހު ހަދިޔާއެއްގެ ގޮތުގައި ބަހާފައިވަނީ ކާޑުގެ ބާވަތްތައް ކަމަށްވާ 10 ކިލޯގެ ފުށާއި 10 ކިލޯގެ ހަނޑުލެވެ.