ތަރައްޤީގެ މަޝްރޫޢުތައް ނިމިގެންދާ މަންޒަރު ކޮންމެ ރަށަކުންވެސް ފެންނާނެ: ރައީސް
ރާއްޖޭގެ ކޮންމެ ރަށަކުންވެސް ތަރައްޤީގެ މަޝްރޫޢުތައް ފެށި، ނިމިގެންދާ މަންޒަރު ފެނިގެންދާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، މާލެ އަތޮޅު ގުޅީގައި ކުރިއަށްގެންދިޔަ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ ނިމުން ފާހަގަކުރުމަށް މިއަދު އެރަށުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި ސަރުކާރުގެ ކުރިމަތީގައި ރާއްޖޭގެ ކޮންމެ ރައްޔިތަކީ ހަމަހަމަ ރައްޔިތެއްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، ވަކި ރަށެކޭ ބެލުމެއްނެތި، ރައްޔިތުންނަށް ކޮށްދޭންޖެހޭ ކަންކަން ފަށައި، އެއްބަސްވުންތަކުގައި ސޮއިކޮށް، ނިންމަމުން ގެންދަވާނެ ކަމަށެވެ. ރައްޔިތުންނަށް ވެވަޑައިގެންނެވި ވަޢުދުތައް ފުއްދެވުމަކީ ސަރުކާރުގެ އެންމެ ބޮޑު އަމާޒުކަމަށާއި، އެގޮތުގައި ސަރުކާރު ދެމިއޮންނާނެ ކަމުގެ ޔަޤީންކަން ރައީސް ދެއްވިއެވެ.
Ads by BMLގުޅީގައި އަލަށް ހިއްކި ބިމަކީ އެރަށުގެ ތަރައްޤީގެ އާ ދޮރެއް ހުޅުވިގެންދިޔަ، މުހިންމު ފިޔަވަޅެއްކަމަށް ރައީސް ވިދާޅުވިއެވެ. އެމަނިކުފާނު ވަނީ، ރައްޔިތުން ބޭނުންވާ ގޮތަށް ލޭންޑް ޔޫސް ޕްލޭން އެކުލަވާލައި، ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކާއި އިޖުތިމާޢީ އަދި އުމްރާނީ ތަރައްޤީގެ އެހެނިހެން މަޝްރޫޢުތައް ހިންގުމަށް ސަރުކާރުން ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ.
މީގެ އިތުރުން، ގުޅީގެ ރައްޔިތުން އެދޭ ބަނދަރު ބޮޑުކުރުމުގެ މަޝްރޫޢުވެސް ބާރު ދުވެލީގައި ކުރިއަށްގެންދަވާނެކަމަށް ރައީސް ވިދާޅުވިއެވެ. އެ މަޝްރޫޢު ފެށުމަށް ބޭނުންވާ ސާމާނު މިހާރުވެސް ރަށުގައި ހުރިކަން ފާހަގަކުރައްވައި، އެއީވެސް ކާމިޔާބުކަމާއެކު ފަށައި ނިންމާލާނެ މަޝްރޫޢެއްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް މުޢިއްޒު ވިދާޅުވީ، މިހާރުވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިނގަމުންދާ މަޝްރޫޢުތައް ނިންމުމަކީ ސަރުކާރުން އެންމެ ބޮޑު އިސްކަމެއްދޭ ކަންތައް ކަމަށެވެ.
Ads by MACL
