ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ފަލަސްތީނަށް އެއްބައިވަންތަކަން ދެއްކުމުގެ ގޮތުން ބާއްވާ މެޗުތަކަށް އެސްޓީއޯއިން ބޮޑު އެހީއެއް

ފަލަސްތީނަށް އެއްބައިވަންތަކަން ދެއްކުމުގެ ގޮތުން ބާއްވާ މެޗުތަކަށް އެސްޓީއޯއިން ބޮޑު އެހީއެއް

ފަލަސްތީނުގެ ރައްޔިތުންނަށް އެއްބައިވަންތަކަން ދެއްކުމުގެ ގޮތުން ރާއްޖޭގެ 17 އަހަރުން ދަށުގެ ގައުމީ ޓީމާއި ފަލަސްތީނުގެ 17 އަހަރުން ދަށުގެ ގައުމީ ޓީމާ ދެމެދު ބާއްވާ އެކުވެރިކަމުގެ މެޗުތަކަށް ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ (އެސްޓީއޯ) އިން ވަނީ ބޮޑު އެހީއެއް ވެދީފަ އެވެ.

މިކަމާ ގުޅިގެން ދިވެހިރާއްޖޭގެ ފުޓްބޯޅަ އެސޯސިއޭޝަން (އެފްއޭއެމް) އިން ވަނީ އެސްޓީއޯއަށް ހިތުގެ ފުނުން ޝުކުރު އަދާކޮށްފަ އެވެ.

ަސޯޝަލް މީޑިއާގައި މިއަދު ހިއްސާކުރި ޕޯސްޓެއްގައި އެފްއޭއެމްއިން ބުނެފައިވާ ގޮތުގައި އެސްޓީއޯގެ މި އެހީތެރިކަމަކީ ހަމައެކަނި ކުޅިވަރަށް ވުރެ މާ ބޮޑު މެސެޖެކެވެ. އެއީ އެއްބައިވަންތަކަމާއި، އުންމީދާއި، ހިތްވަރުގެ ވަރުގަދަ މެސެޖެކެވެ.

މި މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ 2025 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 13 ވަނަ ދުވަހު (މިއަދު) އެވެ. މި މެޗުތަކަށް ޓިކެޓުގެ ގޮތުގައި 1000 ރުފިޔާގެ ޕްލެޓިނަމް ސުވެނިއާ ޓިކެޓެއް ވިއްކުމަށް ވަނީ ހަމަޖެހިފަ އެވެ. ޓިކެޓު ވިއްކުމުން ލިބޭ ފައިސާ ފަލަސްތީނަށް އެހީވުމަށް ހަދިޔާ ކުރެވޭނެ އެވެ.

އެފްއޭއެމްއިން ވަނީ ފަލަސްތީނަށް އެއްބައިވަންތަކަން ދެއްކުމުގެ ގޮތުން މި މެޗުތަކުގެ ސުވެނިއާ ޓިކެޓު ގަތުމަށް ހުރިހާ ފަރާތްތަކަށް ގޮވާލާފަ އެވެ. މި ޓިކެޓު ގަތުމަކީ މާނަވީ ބަދަލެއް ގެނައުމަށް ލިބޭ ފުރުސަތެއް ކަމަށް އެފްއޭއެމްއިން ބުނެ އެވެ.

މި އެހީތެރިކަމުގެ ތެރެއިން އެސްޓީއޯއިން ވަނީ ޕްލެޓިނަމް ސުވެނިއާ ޓިކެޓެއް ހިމެނޭ ގޮތަށް 1000 ރުފިޔާގެ ޓިކެޓެއް ހަވާލުކޮށްފަ އެވެ.